ރައީސް އެންމެ އިތުބާރުކުރި މިނިސްޓަރ ރަމީޒު މަގާމުން ވަކިކޮށްފި
ދެންމެ | 15 އޯގަސްޓް 2024

ސަސްޕެންޝަނުގައި ހުރި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ރަމީޒަކީ އެ މަނިކުފާނާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާއަށް ތުހުމަތުކުރެވުނު މައްސަލައަކާ ގުޅިގެން މިނިސްޓަރުކަމުން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 27 ގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، އޭނާ މިހާރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު، އޭނާ ވަކިކުރި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ ކުރީގެ އަނބިކަނބަލުން، އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވެސް ޖޫން މަހު ރަމީޒާ އެކު ސަސްޕެންޑުކުރިއެވެ.

އޭރު ޝަމްނާޒު ހުރީ ހައްޔަރު ކޮށްފައެވެ. ޝަމްނާޒާއި އޭނާގެ ކޮއްކޮ ހައްޔަރުކުރީ ރައީސަށް ސިހުރު ހަދަން އުޅުނުކަމުގެ ތުހުމަތުގައެވެ.

އެކަމަކު، އޭގެ ފަހުން އެ ދެ މީހުން ވެސް ދޫކޮށްލާފައިވާއިރު އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޝަމްނާޒާއި އޭނާގެ ކޮއްކޮއާ ދެކޮޅަށް ދައުވާކުރެވޭ މިންވަރަށް ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރަން ނިންމައިފައެވެ.

މި ސަރުކާރުގެ ފުރަތަމަ ކޮޅު ވެސް ރައީސާ ވަރަށް އަރިސްކޮށް ރަމީޒް ފެނުނެވެ. އެކަމަކު، ފަހުން އޭނާ ނުފެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އެ މަނިކުފާނަށް ޕީޕީއެމް ތެރޭގައި ކެމްޕޭންކޮށްދިނުމުގެ ތުހުމަތުގައި މީގެ ކުރިން އެ ޕާޓީން ރަމީޒްގެ މައްސަލަ ބަލަން ވެސް އުޅުނެވެ. އެއާއެކު ރަމީޒު އަމިއްލައަށް ވަނީ ޕާޓީން ވަކިވެފައެވެ. އެއީ، ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތުމުގެ ކުރިންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!