ތައިލެންޑު 🇹🇭 ބޮޑުވަޒީރު ކަމަށް ދޮން ބައްޓެއް ފަދަ ޒުވާން ކަނބަލަކު އިންތިހާބު ކޮށްފި
ދެންމެ | 16 އޯގަސްޓް 2024

ތައިލެންޑުގެ ބޮޑުވަޒީރު ކަމަށް ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ޒުވާން ދަރިކަނބަލުން ޕައޭޓޮންޓާން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު އިންތިހާބުކޮށްފި އެވެ.

ބިލިއަނަރު ތަކްސިންގެ ދަރިކަނބަލުންގެ އުމުރުން އަދި 37 އަހަރެވެ. އެހެންވެ އޭނާ ވެފައިވަނީ ތައިލެންޑުގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ. އަދި އޭނާ އަކީ ގައުމުގެ ދެ ވަނަ އަންހެން ބޮޑުވަޒީރެވެ. އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރަކީ ޕައޭޓޮންޓާންގެ ބޮޑުދައިތައެއް ކަމަށްވާ ޔިންގްލަކް އެވެ.

ޕައޭޓޮންޓާން ބޮޑުވަޒީރުކަމަށް އިންތިހާބުކޮށްފައި މި ވަނީ ކޯޓުން ކުރި ދެ ހުކުމަކާ އެކު ތައިލެންޑުގެ ސިޔާސީ މަސްރަހް ގަޑުބަޑުވެފައި ވަނިކޮށެވެ. އޭނާ ބޮޑުވަޒީރު ކަމަށް އިންތިހާބުކުރީ މީގެ ދެ ދުވަސް ކުރިން ދުސްތޫރީ ކޯޓުން ކުރި ހުކުމެއްގައި، ބޮޑުވަޒީރުކަމުން ސްރެތާ ތަވިސިން ވަކިކުރުމާ އެކުގަ އެވެ.

ޕައޭޓޮންޓާން އަކީ ވެސް، ބޮޑުވަޒީރުގެ ސުލޫކީ މިންގަނޑުތަކާއި ގަވައިދާ ހިލާފުވި ކަމަށް ކަނޑައަޅައި ބޮޑުވަޒީރުކަމުން ވަކިކުރި ސްރެތާގެ ފީއު ތައި ޕާޓީގެ ބޭފުޅެކެވެ. އެއީ މިދިޔަ އަހަރުގެ އާންމު އިންތިހާބުގައި ދެ ވަނަ އަށް ދިޔަ ޕާޓީ އެވެ. އެ ޕާޓީއަށް މަޖިލީހުގެ ކޮންޓްރޯލް ލިބެނީ ކޯލިޝަނަކުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ވަން މުހައްމަދު ނޫރު މާތާ ވިދާޅުވި ގޮތުގައި ޕައޭޓޮންޓާން ބޮޑުވަޒީރު ކަމަށް އިންތިހާބުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ 145 މެންބަރުންގެ ތެރެއިން 319 މެންބަރަކު ވޯޓު ދެއްވި އެވެ.

ޕައޭޓޮންޓާން ވިދާޅުވީ ”މިއީ ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއް“ ކަމަށެވެ.

”ރައްޔިތުންގެ އިތުބާރު ހޯދޭނެ ކަމުގެ އުންމީދު އަޅުގަނޑަށް ވަރަށް ބޮޑަށް އެބަ އޮތް. ތައިލެންޑުންގެ ހުރިހާ ރައްޔިތުން ބާރުވެރިކުރުވައި ފުދުންތެރިބަޔަކަށް ހެދުމުގެ އުންމީދު އެބަ އޮތް،“ އޭނާ ވިދާޅުވި އެވެ.

އުމުރުން 62 އަހަރުގެ ސްރެތާގެ ވެރިކަމަށް އަހަރެއް ވެސް ނުވަނީސް އޭނާ މަގާމުން ވަކިކުރި އިރު އޭނާ އަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި ދުސްތޫރީ ކޯޓުން މަގާމުން ދުރުކުރި ތިން ވަނަ ބޮޑުވަޒީރެވެ. އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ހުކުމްކުރީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރި ގާނޫނީ ވަކީލެއް ކެބިނެޓުގައި ހިމެނި މައްސަލައިގަ އެވެ.

ތައިލެންޑުގެ ސިޔާސީ މައްސަލަތައް ބޮޑުވެފައި ވާއިރު އެ ގައުމުގެ އިގްތިސާދީ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެހެންވެ އާ ބޮޑުވަޒީރަށް ގޮންޖެހުންތައް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!