ކައިވެންޏަށް ފަހު ވެސް އަމިއްލައަށް ކަމެއް ކޮށްލާ!
ދެންމެ | 16 އޯގަސްޓް 2024

ކައިވެންޏަށް ފަހު މީހާގެ އެންމެ ގިނަ ވަގުތުތައް ހޭދަ ކުރެވެނީ ހަޔާތުގެ ބައިވެރިޔާއާ އެކުގައެވެ. އެހެންނަމަވެސް އަމިއްލަ ނަފްސަށްވެސް އާދަކޮށް ވަގުތުކޮޅެއް ހޭދަކުރުމަކީ ކޮންމެ ދެމަފިރިޔަކަަށްވެސް އެ ކައިވެންޏެއް އުފާ ފާގަތި ކަމާއެކު ދެމެހެއްޓުމަށް ވަރަށްވެސް މުހިއްމު ކަމެކެވެ. އުފާފާގަތި ކަމާއެކު ދެމަފިރިންގެ ދިރިއުޅުން ބިނާވެގެންދަނީ މިދެންނެވި ވަގުތަކީ ކައިވެނީގެ ކުރިންވެސް އެމީހަކު ޝަގުވެރިކަމާއެކު ކޮށް އުޅުނު ކަމެއް ކުރަން ހޭދަކުރާ ވަގުތަކަށް ވެއްޖެނަމައެވެ.

އެގޮތުން މިފަހަރު މި ހިމަނާލަނީ ކައިވެންޏަށް ފަހުވެސް އަމިއްލަ ހޮބީތައް ގެންގުޅުމުން ލިބޭ ބައެއް ފައިދާތަކެވެ.

 

ގުޅުން އިތުރަށް ބަދަހިވުން:

ކައިވެންޏަށް ފަހު ދެމެފިރިންވެސް ވަކިވަކި ކަންކަމަށް ޝައުގުވެރިވެ އެކަންތައް ކުރާނަމަ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެން ދެއެވެ. ދެމަފިރިން އެއް ކަމަކަށް ޝައުގުވެރިވެ، އެއްކަމެއްގައި މަސްއޫލުވެ އުޅޭނަމަ އެކަކު އަނެކަކާއި ހިއްސާކުރާނެ ޝައުގުވެރިކުރުވަނިވި އާ ވާހަކަތަކެއް ނުވަތަ އާކަންތައްތަކެއް ނުހުންނާނެއެވެ. އަދި މިވާހަކަ ހިއްސާކުރިނަމަވެސް އަނެކާއަށް މާބޮޑު ޝައުވެރިކަމެއްވެސް ނުދެވޭނެވެސް މެއެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ އަނެކެއްގެ މަތިން ފޫހިވާގޮތްވުމެވެ. ނަމަވެސް ދެމީހުންވެސް ހޮބީއެއްގެ ގޮތުގައި ތަފާތު ކަންތައްތައް ކޮށްއުޅޭނަމަ، ދުވަސް ނިމިދާއިރު ދެމީހުންވެސް އެކަކު އަނެކަކާ ހިއްސާ ކުރަން ތަފާތު އެކި ވާހަަކަތައް ހުންނާނެއެވެ. އަދި މިވާހަކަތައް ޝައުގުވެރިވާނެވެސް މެއެވެ. ސަބަބަކީ އެކަކު ދައްކާ ވާހަކައަކީ އަނެކާއަށް މުޅިން އާކަންތައްތަކެއްގެ ވާހަކަ ކަމަށްވާތީއެވެ. ނަތީޖާއަކަށް ވެގެންދަނީ ދެމީހުންގެ ގުޅުންވެސް އިތުރަށް ބަދަހިވެގެން ދިއުމެވެ.

 

އެކުގައި ހޭދަ ކުރެވޭ ވަގުތުގެ އަގުވަޒަން ކުރެވޭ:

ކައިވެންޏަށްފަހު ދެމީހުންވެސް ވަކިވަކި ހޮބީތައް ގެންގުޅޭނަމަ އެކުގައި ހޭދަކުރަން ލިބޭ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މަގުފަހިވެގެން ދިޔުމެވެ. އެވަގުތުކޮޅު އެއީ ހަނދާނުން ފުހެނުލެވޭނެ ފަދަ އަގުހުރި ވަގުތުތަކަށް އެވަގުތު ވެގެންދިޔުމެވެ. އެވަގުތަކީ ދެމީހުންނަށްވެސް ޝައުގުވެތި އާ ވާހަކަތަކެއް ހިއްސާކުރަން ލިބޭ ވަގުތަކަށްވުމުން ދެމީހުންވެސް އެވާހަކަތައް ޝަޢުގުވެރިކަމާއެކު ކަނުލައިއަޑުއަހައި އެކަކު އަނެކެއްގެ ހިޔާލު ބަދަލުކުރަން ލިބޭނެ ވަގުތަކަށް އެވަގުތު ވުމެވެ. އެކުގައި ވަގުތު އާދަކޮށް ހޭދަކުރެވޭނަމަ، މުޅި ދުވަހު ބައިވެރިޔާ ނުފެނި ހުރެ އޭނާ ފެންނަގަޑީގައި ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މަތިން ހަނދާންވާވަރު އިހުސާސް ކުރެވޭނެއެވެ. ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މުހިންމުކަން އިހުސާސް ކުރެވޭނެވެސްމެއެވެ. މިކަމުގެ ސަބަބުން ދެމަފިރިން އަބަދުވެސް އެކުގައި ހޭދަކުރެވޭ އަގުހުރި ވަގުތުގެ އަގުވަޒަން ކުރާނެއެވެ. އަދި ކޮންމެ ދުވަހަކު އެވަގުތަކަށް އިންތިޒާރުވެސް ކުރާނެއެވެ.

 

 

އާ ކަންތައްތައް ދަސްވުން:

ކައިވެންޏަށްފަހު ދެމީހުން ވަކިވަކި ހޮބީތައް ގެންގުޅޭނަމަ، ދެމެފިރިންނަށްވެސް އެކަކު އަނެކެއްގެ ފަރާތުން އާ ކަންތައްތައް ދަސްކުރުމުގެ ފުރުސަތު ލިބެއެވެ. އަދި އެކަކު އަނެކެއްގެ ފަރާތުން ތަފާތު ކަންތައްތައް ދަސްވުމުގެ ފުރުސަތު ލިބުމަކީ، ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެކެވެ. މިސާލަކަށް ބައިވެރިޔާއަށް އޭނާ ދުވަހަކުވެސް ކުޅެފައިނުވާ ގޭމެއް ކުޅެން ދަސްކޮށްދޭއިރު، އެކިކަހަލަ މަޖާ ކަންތައްތައް ދިމާވެ، ދެމީހުންގެ މެދުގައި ލޯބި އިތުރުވެގެންދާނެއެވެ. އަދި ދެމީހުންގެ ގުޅުން އިތުރަށް ބަދަހި ވެގެން ދެއެވެ.

 

މަސްދަރު: ބްރައިޑްސް.ކޮމް

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!