މާލޭގައި ފަޅަށް ހުންނަ ގެއެއް ކަމަށްވާ އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ ނުކުމެ އުޅޭ އަދި އިޖުތިމާއީ އެތައް މައްސަލައެއް ފެންމަތިމަތިވެފައިވާ އެ ގެ ތަޅާލުމުގެ މަސައްކަތް ފެށީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމަކަށް އެ މަނިކުފާނުގެ އެންގެވުމުގެ މަތިން ކަމަށެވެ.
އެ މަސައްކަތް ކުރަނީ ލޯކަލް ގަވަނެންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ.
ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފެށީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ވެދާނެ ކަމަށް ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
ރައީސް ވަނީ މިދިޔަ ހަފުތާގައި މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި މާލޭގައި މި ގޮތަށް ފަޅަށް ދޫކޮށްލައިފައި ހުރި ބާ އިމާރާތްތައް އަވަހަށް ތަޅާލުމަށްޓަކައި އެ ކައުންސިލަށް ބޭނުންވާ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ފަސް ފްލޯގެ އެ ގެއަކީ ވަރަށް ގިނަ ދުވަސްވީ ބާ އިމާރާތެކެވެ. މިދިޔަ އޭޕްރީލް މަހު އެ ގޭގެ ހަތަރުވަނަ ފުލޯގައި ރޯވެ، ގެއަށް އިތުރަށް ގެއްލުން ލިބުނެވެ. އެ ގޭގެ ތެރޭގައި މީހުން ގާނޫނާ ހިލާފު ކަންކަން ކުރާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި އޭރު ވަރަށް ގިނައިން ދެއްކެވުނެވެ.
މާލޭގައި ފަޅަށް ހުންނަ ބާ އިމާރާތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ މައްސަލަ ވަރަށް ބޮޑެވެ. އެ ކަހަލަ ގެތަކުގައި އަލިފާނުގެ ހާދިސާތައް އެކި ފަހަރު މަތިން ހިނގާފައިވެ އެވެ.
މިދިޔަ މެއި މަހު ވަނީ މަރުވެފައި އޮތް މީހަކު ވެސް ރަބީއުވިލާ އިން ފެނިފަ އެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ފުލުހުން ހޯދަމުން ދަނިކޮށެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އޭނާ މަރުވީ ޑްރަގް އޯވަޑޯސް ވެގެންނެވެ.
ބާވެ، އާއްމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ 11 އިމާރާތެއްގެ ލިސްޓެއް 2019 ގައި އޭރުގެ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައި ވެ އެވެ. އެއީ:
1- ހ. ލޮބީ
2- ހ. ތަންބީ
3- ހ. އަސްފަރު
4- މ. އާޝިޔާމަންޒިލް
5- މ. ބުރަދަމާގެ
6- މ. ކައުސަރު
7- މއ. އެވާގްލޯރީ
8- މއ. ކަނބާލިފަރު
9- ހ. ހާޖަރާގެ
10- ހ. ރުއްދޮށިގެ
11- މ. ރަބީއުވިލާ
މާލޭގައި ހުންނަ ބައެއް ފަޅުގެތައް މަސްތުވާތަކެތީގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރާ މައްސަލަ ބޮޑުވެފައިވާއިރު، މަސްތުވާތަކެއްޗާ ގޭންކާ ދެކޮޅަށް ގާނޫނީ ގޮތުން ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ގޭންގް ކުށްތަކާ ބެހޭ ގާނޫނާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ބޮޑެތި އަދި ހަރުކަށި އުަސޫލުތަލެއް ހިމަނައިގެން އިސްލާހު ކުރުމަށްޓަކައި ހޯމް މިނިސްޓްރީން މިހާރު ވަނީ ޑްރާފްޓެއް އެކުލަވާލައިފަ އެވެ.
މަސްތުވާތަކެއްޗާއި ގޭންގުތައް ހުއްޓުވުމަކީ ރައީސް މުއިއްޒު އެންމެ ބޮޑަށް އިސްކަން ދެއްވާ އެއް ކަންތައްތައް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ އެކި ޕްލެޓްފޯމުތަކުގައި ވިދާޅުވެފަ އެވެ. އެހެންވެ، ފިޔަވަޅުތައް ވަރުގަދަ ކުރައްވަނީ އެ މަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ކަމަށް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފަ އެވެ.