ޖަމުއިއްޔާތަކަށް ބީއެމްއެލުން ލާރި ބެހުމުގެ މުއްދަތު އިތުރު ކޮށްފި
ދެންމެ | 18 އޯގަސްޓް 2024

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމްއިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ”ބޭންކް ފަންޑް“ އަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

މި ފަހަރު ހުޅުވާލި ފުރުސަތުގައި އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު 4 ޖަހަންދެން ޖައްމިޔާތަކަށް ޕްރޮޕޯޒަލްތައް ހުށަހެޅޭނެ އެވެ.

މި ފަންޑަށް އެދި ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށްކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބޭންކު ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ. މި ފަންޑު ތައާރަފުކޮށްފައި ވަނީ މިއަހަރުގެ މެއި މަހުއެވެ.

ބީއެމްއެލްއިން މީގެ ކުރިން ވަނީ ”ކޮމިއުނިޓީ ފަންޑު“ގެ ނަމުގައި އިޖުތިމާއީ 100 ޕްރޮޖެކްޓެއް ހިންގުމަށް ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށް އެހީތެރިކަން ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!