އެމްޕޮކްސްއަށް ރާއްޖެއިން ތައްޔާރީތައް ވާން ފަށައިފި
ދެންމެ | 19 އޯގަސްޓް 2024
މަންކީ ޕޮކްސް (އެމްޕޮކްސް) ނުވަތަ މަކުނުވިދުރި އާއި ގުޅިގެން ދުނިޔޭގައި މި ބަލިފެތުރުން މޮނީޓާކޮށް، ރާއްޖޭން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގައ ފެތުރެމުންދާ އެމްޕޮކްސްއާއި ގުޅޭގޮތުން އެ އެޖެންސީ މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެ އެޖެންސީން އަންނަނީ ބަލީގެ ހާލަތު މޮނީޓާކޮށް ވާން ޖެހޭ ތައްުޔާރީތައް ވަމުން ކަމަށެވެ.

މިގޮތުން ރާއްޖެއަށް މި ބަލި އައު،ުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ކޮންޓްރޯލް ކުރުމާއި، ބަށްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ބަށްޔަށް ސިއްހީ ޚިދުމަތްތެރިން އަހުލުވެރިކޮށް، ސާރވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމުކޮށް ފެތުރެނީ ޖިންސީ ގުޅުމުންނެވެ. އެހެންނަމަވެސް އެހެން ގޮތްގޮތުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އޭގެ ތެރޭގައި ބަލިޖެހިފައި ހުންނަ މީހާގެ ހަމުގައި ނަގާފައި ހުންނަ ބިހީގައި ނުވަތަ އެއިން ނުކުންނަ ދިޔާގައި، ނޫނީ އެފަދަ މީހަކު ބޭނުންކުރާ ހެދުމެއް، ތުވާލި، ބެޑްޝީޓްފަދަ ތަކެތީގެ ޒަރީއާއިން ވެސް މި ބަލި ފެތުރުމުގެ ފުރުސަތުއޮވެއެވެ. އަދި ގިނަ އިރު ބަލިޖެހިފައިވާ މީހެއް ކައިރީ ހޭދަކުރުމުން ނޭވާލާ ނިޒާމުގެ ޒަރީއާއިން، ބަލިޖެހިފައިވާ ޖަނަވާރެއް ޝިކާރަކުރުމުގެ ތެރެއިން ނުވަތަ ހަންދަމާ ސާފުކުރުމުގެ ތެރެއިން، ނުވަތަ ކަތިލާއިރު ނޫނީ ކެއްކުމުގެ ތެރެއިން ވެސް މި ފެތުރުމުގެ ފުރުސަތުއޮވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!