އަންހެނުންނަށް ވަޒީފާގެ ތަފާތު ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން: މެޑަމް ސާޖިދާ
ދެންމެ | 19 އޯގަސްޓް 2024

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިގަރުނު ފުރިގެން ދިޔަނަމަވެސް އަދިވެސް އެ ސިނާއަތުގައި އަންހެނުންނަށް ގޮންޖެހުންތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

”މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް – ވިމެންސް އެޑިޝަން 2024“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ފަތުރުވެރިކަމަށް 50 އަހަރުވެގެން ދިޔައިރު އަންްްްހެނުންނަށް އަދިވެސް ގޮންޖެހުންތައް އެބަހުރިކަމަށާއި، މިކަމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަމުގައި ފާހަގަކުރައްވައި ވިދާޅުވީ، އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަމަށެވެ.

މި ސިނާއަތަށް މިހާ ދުވަސްވެގެންދިޔައިރު މިއީ ކޮންމެހެންވެސް ވިސްނަން ޖެހޭ މައްސަލައެއް.

ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އަދި އެއީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެޅޭ ހުރަހެއްކަން އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ޙަޤީޤީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!