މާލޭގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށް ރޭ އިމިގްރޭޝަނުން ހޯދަން އިއުލާން ކުރި ބިދޭސީމީހާ ހޯދައި ދެންމެ ހައްޔަރުކޮށްފި އެވެ.
ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ހޯދަން އިއުލާންކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަރްފާތް ހޮސެއިން 32، އެވެ.
ފުލުހުން މިއަދު ބުނީ، އެ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކުރީ ދެންމެ ކަމަށެވެ. ހެނދުނު 10:33 ހާއިރު އެ މީހާ ހައްޔަރުކުރީ ދިލްބަހާރު މަގުގައި ހުންނަ ބޯކޮށައިދޭ ތަނަކުން ކަމަށް ފުލުހުން ބުންޏެވެ.
އިމިގްރޭޝަނުން ރޭ ބުނީ، އެ ބިދޭސީމީހާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއެއް ކަމަށާއި އޭނާ ހޯދަނީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާތަކެތި ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބިދޭސީ ދެންމެ މީހާ ހޯދާފައިވާ ކަމަށެވެ.
އެ ބިދޭސީމީހާ އާ ދިވެއްސަކު ސުވާލުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އަންނަނީ ދައުރުވަމުންނެވެ. ބިދޭސީމީހާ މަޑުކޮށްގެން ހުރީ މާލޭގެ ބޮޑުތަކުރުފާނު މަގުން މޭރީބްރައުން ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގަ އެވެ. އެއީ ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދެކެވެ.
ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީމީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބުނީ އެއީ ބުޅާތައް ގެ އަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.
ވީޑިއޯ ތައްޔާރުކުރި ދިވެހި މީހާ ވަނީ ބިދޭސީމީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް ނަގައި އާންމުކޮށްފަ އެވެ. އެ ސަރަހައްދުގައި އުޅޭ އަވައްޓެރިންނާ ހަވާލާދީ، ވީޑިއޯގައި ބުނީ އެ ގޭގެ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށެވެ އެވެ.
”އަދި ބުޅާ ރޯތީ އަޑު އިވިފައި އެބަހުރި. މި ތަނަށް ވަދެ ބަލައިލުމުން ވެސް އެބަ އެނގޭ މި ތަނަކީ މިއީ ކާބޯތަކެތި ތައްޔާރުކުރުމަށް ހާއްސަ ކޮށްފައި ހުރި ތަނެއް ކަން. މައްޗަށް ނަގާފައި މި ފެންނަ ދުންހޮޅިއަކީ މި ބިދޭސީމީހާ ދިރިއުޅޭ ގޭގައި ހަރުކޮށްފައި އިން އެއްޗެއް،“ އެ ވީޑިއޯގައި ބުންޏެވެ.
ހަނި ގޯޅިއަކުން ވަދެވެން ހުންނަ އެ ގޭގެ ތެރެއަށް ވަދެ ދިވެހި މީހާ ވަނީ ވީޑިއޯ ވެސް ކޮށްފަ އެވެ. އެ ބިދޭސީ މީހާ ދިރިއުޅޭ ބައި ހުންނަ ހިސާބަށް ދިވެހި މީހާ ދާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނުގައި ހަރުކޮށްފައި ހުންނަ ބޮޑު ދުންހޮޅިއެއް ވެސް އެ ތަނުގައި ހުއްޓެވެ.
މީގެ ކުރިން އެ ބިދޭސީމީހާ ބާގާ އާއި ސަބްމެރިން ވިއްކަމުން ދިޔައީ އިނގިރޭސި ބަހުން ލިޔެ، ލޯގޯ ޖަހައިގެން ނަމަވެސް މިހާރު އޭނާ އެ ތަކެތި ވިއްކަނީ ލޯގޯ ނުޖަހައި ކަމަށް ވެސް އެ ވީޑިއޯގައި ދިވެހި މީހާ ބުންޏެވެ. އޭރު އެ މީހާ ބޭނުންކުރި ލޯގޯތައް ވެސް ވީޑިއޯ އިން ދައްކަ އެވެ.