ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދިނުން ނޫން ގޮތެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އާބަން ސެންޓަރުތަކެއް ކަނޑައަޅައި ގާނޫނީ ގޮތުން ބާރު ދޭން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ގާސިމް ވިދާޅުވީ، މިއަދު ދިމާވެފައި ހާލަތުގައި އެއް ބަޔަކާ އަނެއް ބަޔަކު ޖެހިގަނެ، ނަފުރަތު އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު މި ހިސާބަށް ގައުމު ވެއްޓި ދަރަނި ބޮޑުވެގެން ދިއުމުގައި މަޖިލިހުގެ މެންބަރުންގެ ޒިންމާ ވެސް އެބައޮތް ކަމަށެވެ. އެ ނޫން ގޮތަކަށް ގަބޫލުކުރާ ނަމަ އެއީ މައްސަލައެއް ކަމަށާއި މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކެއް އަދާ ނުކުރެވި އެބައޮތް ކަމަށެވެ.
”އެހެންވީމާ ވެރިކަމަށް އައި ބޭފުޅުން އެކަންޏެއް ނޫން ގޯހެއް ހެދިފައި އޮތް ކަމަށް ވަންޏާ ވަނީ. އެކުވެރިކަމާ އެކު، އެއްބާރުލައިގެން މިއަދު އޮތް ހާލަތުން ސަލާމަތްވުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް އިހުލާސްތެރިކަމާ އެކު، ވަފާތެރިކަމާ އެކު ސަޕޯޓު ކޮށްގެން ކުރިއަށް ދިއުން ނޫން އެހެން ގޮތެއް ނެތް،“ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހާލަތުން އަރައިގަތުމަށްޓަކައި އެކަކު އަނެކަކަށް ނަފުރަތު ނުކޮށް، ގުޅިގެން މަސައްކަތް ކޮށް ރައީސް މުއިއްޒަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރީމާ ނަފުރަތުގެ ހުޅުގަނޑު ރޯކުރީމާ އެ ދަންމަރުގައި ހިފައިގެން ދުވާން ތިބީ ކޮން ބައެއްތޯ. އަޅުގަނޑުމެން. އަޅުގަނޑުމެން އަމިއްލައަށް ހަލާކުގެތެރެއަށް މިދަނީ،“— ގާސިމް
އެ ނޫން ގޮތަކަށް ކަންކަން ބައްޓަން ކުރާ ނަމަ ގައުމު އިތުރަށް ފަސާދަވާނެ ކަމަށާއި އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން ނޫނީ ސަލާމަތް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވަނީ އަޅަން ޖެހޭ ފިޔަވަޅެއް ވަގުތުން އަޅައި، ހަަރަދު ކުޑަކޮށް، ކުރަން ޖެހޭ ހަރަދެއް ކުޑަކޮށްގެން ދަރަނި ތަކުން ސަލާމަތް ވުމަށް އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
”އަޅުގަނޑުމެން ދެ އަހަރެއްހާ ދުވަހަށް ނުވަތަ ދޮޅު އަހަރެއްހާ ދުވަހަށް ހަމަ އަޅުގަނޑުމެން ކަމަރުތައް ބާރުކޮށްލައިގެން ބަނޑު ހިންދާލައިގެން ތިބެން ޖެހޭ ދުވަސް މި އޮތީ ކުއްތަން ވެފައޭ، ކައިރިވެފައޭ. އަޅުގަނޑުމެން އެ މަގަށް ނުގެންގޮސްފި ނަމަ އަޅުގަނޑުމެން ކިޔަވަން ގޮސް ހުރި ކުއްޖާ އަށް ލާރިކޮޅު ވެސް ނުފޮނުވޭނެ،“ ގައުމުގެ އިގުތިސާދީ ހާލަތު ބަޔާން ކޮށްދެއްވަމުން ގާސިމް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ގަންނަން ޖެހޭ އިންޖެކްޝަން ވެސް ނުގަނެވޭނެ. އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރީމާ ނަފްރަތުގެ ހުޅުގަނޑު ރޯކުރީމާ އެ ދަންމަރުގައި ހިފައިގެން ދުވާން ތިބީ ކޮން ބައެއްތޯ. އަޅުގަނޑުމެން. އަޅުގަނޑުމެން އަމިއްލައަށް ހަލާކުގެ ތެރެއަށް މިދަނީ.“
ގާސިމް މިއަދު މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް، ސަރުކާރުގެ ބައެއް ނިންމުންތަކާއި ބިލްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން މިދިޔަ ހަފުތާގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގަ އާއި ބައެެއް ކޮމިޓީތަކުގައި ވާހަކަ ދައްކަވައިފަ އެވެ.