ސަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ހޯދަން އިއުލާން ކޮށްފި
ދެންމެ | 11 މެއި 2022

ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ކ. މާލެ ތަނބުރުގެ، މުހައްމަދު ބިޝާރު އިސްމާއީލް އެވެ.

އޭނާގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ދެ ދައުވާ އުފުލާފައިވެ އެވެ. ދައުލަތުން އެންމެ ފުރަތަމަ ދައުވާތައް ހުށަހެޅި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ. އެކަމަކު އޭނާ މާލޭ ޖަލުގައި ހުރުމާއި ގުޅިގެން މައްސަލަ އޮންލައިންކޮށް ކުރިއަށްގެންދަން ޖެހޭތީ އެ ނމައްސަލަ ކްރިމިނަލް ކޯޓަށް ބަދަލުކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނެވެ.

އެހެންކަމުން އެ މައްސަލަ އަލުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ ކޯޓުން ފޮނުވައިލުމަށްފަހު އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުން އަމުރުކުރި އެވެ.

ދައުލަތުން ފަހުން ވަނީ އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ބިޝާރުގެ ފަރާތުން އަނިޔާ ލިބުނު ކުއްޖާއަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާތީ މައްސަލަ އަވަސް ކޮށްދިނުމަށްވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އެވެ.

އޭގެ ފަހުން ބަންދު މުރާޖާ ކުރި މަޖިލީހެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރުމުން އޭނާ އަނެއްކާ ވެސް މިނިވަންވި އެވެ. ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކީ އެވެ.

އެ ނިންމުމާ ހިތްހަމަނުޖެހެގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ނިންމާފައި ވަނީ އޭނާ ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

އެކަމަކު އޭނާ އަލުން ހައްޔަރުކުރެވިފައި ނުވާތީ ފުލުހުން ވަނީ އޭނާ ހޯދަން އިއުލާނުކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ ހައިކޯޓުގެ އެހުކުމާ ގުޅިގެން ބިޝާރު ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށެވެ.

އެހެންކަމުން މީނާގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް