ރާޖަޕަކްސަ އާއި ނަމާލާއި އިތުރު ބަޔަކު ފުރުން މަނާ ކޮށްފި.
ދެންމެ | 12 މެއި 2022

ލަންކާގައި އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އާއި އޭނާގެ ދަރިފުޅު އަދި ކެބިނެޓްގައި ބާރުގަދަ ވަޒީރު ނަމާލް ރާޖަޕަކްސާގެ އިތުރުން 13 މީހަކު ގައުމުން ފުރުން މަނާކޮށްފި އެވެ.

ލަންކާގެ މީޑިއާތަކުން މިއަދު ބުނީ، އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ރާޖަޕަކްސާގެ ވަޒީރު ޖޯންސްޓަން ފެނާންޑޯ އާއި ސަނާތު ނިޝާންތާ ވެސް ފުރުން މަނާކޮށްފައިވާ ކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކުން އެ އަމުރު މިއަދު ނެރުނީ، ލަންކާގައި މިދިޔަ ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އެކަމަކު އެ ބޭފުޅުން ފުރުން މަނާކޮށްފައި ވަނީ ކޮން ތުހުމަތެއްގައި ކަމެއް އަދި ނޭނގެ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވި ފަހުން، އާންމުން ވެސް ނުކުމެ ރާޖަޕަކްސާ ހުންނެވި ތަނެއް ހޯދަން ވަނީ މަސައްކަތްކޮށްފަ އެވެ. ރާޖަޕަކްސާ ހުންނެވީ ސިފައިންގެ ހިމާޔަތުގައި ރައްކާތެރި ތަނެއްގައި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ލަންކާގައި ހިނގި ހަމަނުޖެހުންތައް މިހާރު ވަނީ ކޮންޓްރޯލްވެފަ އެވެ. ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ލަންކާގެ އެކި ހިސާބުތަކުގައި އަލިފާނުގެ ހާދިސާތައް ހިންގައި، ގެދޮރު ރޯކޮށް މުދަލަށް ގެއްލުން ދީފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް