ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމުގެ ނަޞީބު މިފަހަރު ނުލިބުނު ކަމުގައި ވީ ނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
”ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް“ މި މައުޟޫޢަށް ރާއްޖޭގެ އެކިކަނިކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ޙައްޖުވެރީން އެބައިމީހުންގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރާ ފަދައިން، ދެން ތިބި މުސްލިމުންވެސް މި ދުވަސްވަރު ޛިކުރުކުރުމާއި، ޤުރުއާން ކިޔެވުމާއި، ނަމާދުތަކަށް ފަރުވާތެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
އަދި މާތް اللهއަށް ޓަކައި އަޅުކަން ޚާލިޞްކޮށްފި ނަމަ، މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމައާއި ސަވާބު އެކަލާނގެ ދެއްވާނެކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
ޙައްޖުގެ އަޅުކަމަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއް ކަމަށާއި، ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފާ ކަމަށެވެ. އެހެންކަމުން އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ޙައްޖުގެ މަނާސިކުތަކަކީ މުއުމިނުން މާތް اللهއަށް ކިޔަމަންގަތުމަށް ދެވޭ ޢަމަލީ ތަމްރީނުތަކެއްކަން ޚުތުބާގައި ބުންޏެވެ. އިޙުރާމް ބަނުމުގެ ސަބަބުން ކުރިން ހުއްދަވެގެންވީ ކަންތައްތަކެއް ޙަރާމްވެގެންދާ ދިއުމަކީ، އިންސާނާގެ މުޅި ޙަޔާތުގައިވެސް الله ޙަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް ލިބޭ ވަރުގަދަ ފިލާވަޅެއް ކަމަށް ބުނެފައުވެއެވެ. އަދި ޙައްޖުގެ ބުރަ އަޅުކަން އަދާކުރާއިރު، އުރެދުންތަކުން ދުރުހެލިވެ ކެތްތެރިވާ މީހާގެ ޖަޒާއަކީ ސުވަރުގެކަން ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގޭ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން، ޙައްޖުގެ އަޅުކަމަށްފަހުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަށާއި، ރަޙިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.
އަދި ކުރިއަށް އޮތް ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާ ފާޅުކުރާއިރު، ރުޅިވެރިކަމާއި ޙަސަދަވެރިކަން ދޫކޮށް، އިސްލާމީ އުޞޫލުތަކުގެ ތެރެއިން އެކުވެރިކަމާއި ލޯބި ފާޅުކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ ވަނީ ނަޞޭހަތްތެރިވެފައެވެ.



