ދަރަންޏަށް ބިރުވެތިވޭ! ސުވަރުގެ ނުވަދެވިދާނެ!
ދެންމެ | 22 މެއި 2026

ދަރަނިވެރިވުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ދެކޭ މީހުން އަންނަނީ ގިނަވަމުންނެވެ. ގިނަވަމުން ގޮސް ދަރަންޏަށްފައިސާ އާއި ތަކެތި ނެގުން މިހާރު މިވަނީ ދިރިއުޅުމުގެ ބައަކަށް ހަދައިފައެވެ. އެއީ ރީތި ކަމަކަށްވެސް ހަދައިފައެވެ. ނަމަވެސް އެއީ ވަރަށް ބިރުހުރި ކަމެކެވެ. ކިތަންމެ ގާތް ރަޙްމަތްތެރިއެއްގެ އަތުން ނަގާފައި އޮންނަ ކިތަންމެ ކުޑަ ދަރަންޏަކީވެސް އެކަމުގެ ސަބަބުން ނަރަކައަށް ދާން ޖެހިދާނެ ފަދަ ބިރުހުރި ކަމެކެވެ.

 

ރަނގަޅަށް ވިސްނައިގެން އަޑުއަހާށެވެ!

ބައެއް މީހުން ވަރަށް އާދައިގެ ސަބަބުތައް މެދުވެރިވެ ރައްޓެހިން އަތުން މަދު އަދަދުގެ ފައިސާކޮޅު ”ބޮރޯ“ ކޮށްލައެވެ. މިސާލަކަށް އެއްޗެއް ގަންނަން އުޅޭއިރު 10 ޑޮލަރު ނޫނީ 5 ޑޮލަރު މަދުވެދާނެއެވެ. އަދި އެންމެ ޑޮލަރެއް ވެސް މަދުވެދާނެއެވެ. އެއްވެސް ކަމަކަށް ނުހަދައި އެކުގައި ހުންނަ ރަޙްމަތްތެރިޔާގެ އަތުން ”ބޮރޯ“ކޮށްލަނީއެވެ. އެއީ ވަރަށް މަދު އަދަދެއް ކަމަށް ބަލައި ފަހުން އަޅައިވެސް ނުލަނީއެވެ. އަދަދު މަދުވުމުން ރަޙްމަތްތެރިޔާވެސް ކޮންމެހެން އަތުލަންވެސް ނުއުޅެނީއެވެ.

 

މިކިޔައިދޭ ވާހަކައަށް ނިކަން ރަނގަޅަށް ވިސްނައި އަޑުއަހައިބަލާށެވެ!

އުމުރުގައި އެގޮތަށް އެކަން ކުރާނަމަ މަރުވާއިރު ކިތައް ޑޮލަރު ބޮރޯކުރެވިފައި ވާނެ ހެއްޔެވެ؟ ޤިޔާމަތް ދުވަހު ރަޙްމަތްތެރިޔާ އަޅައި ނުލައެއް ނުހުންނާނެއެވެ. އެންމެ ޑޮލަރެއް ގެންގޮސްފައި ނުދީ އޮތް ނަމަވެސް އަތުލަން އަންނާނެއެވެ. ވީމާ ޚިޔާލަށް ގެންނަންވީ މިގޮތަށެވެ. މީޒާނުގައި ދެކޮޅު ހުރީ ދާދި އެއްވަރަށެވެ. ހެޔޮކަމާއި ނުބައިކަމެވެ. ސަލާމަތް މިވެވެނީ ކިރިޔަ ކިޔާއެވެ. އެވަގުތު އެއްކަލަ ރަޙްމަތްތެރިޔާ އައިސް އެންމެ ޑޮލަރެއް ނުދީ އޮވެގެން ސަވާބުކޮޅު އަތުލުމުން ފާފައިގެ ކޮޅަށް ތިލަފަތް ބަރުވެ ނަރަކައަށް ދާން ޖެހެނީއެވެ. އެހާލަތުގައި ތިމާއަށް މެދުވެރިވާނެ ގޮތް ހިތަށް ގެނެސް ބިރުވެތިވެ ހޭލުންތެރިވާށެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!