ދިގުމުއްދަތަކަށް ބޭނުންކުރާ ބޭސްތައް ދެމެެހެއްޓެނިވިކޮށް ލިބޭގޮތް ހަދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ނޭޝަން ޗެޓް“ގައި ވާހަކަފުޅުދައްކަވަމުން ބޭހުގެ މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން ދެއްވާ އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބޭސް ކުންފުނިން ބޭހުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތް އެއްފަހަރާ ކުރަމުންދާކަމަށެވެ. އެގޮތުން ދިގުމުއްދަތުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް ދެމެހެއްޓެނިވިގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންގެންދަވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްޓޭޓް ފާމާ ކުންފުންޏަކީ އެކަަމަށް އުފެއްދި ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ޖޫން ނުވަތަ ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން އެމައްސަލަ ހައްލުވެ، ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެކުންފުނީގެ ފުރަތަމަ ބޭސް ފާމަސީ އައިޖީއެމްއެޗްގައި ގާއިމުކޮށް، ހޮސްޕިޓަލަށް ބޭނުންވާ ބޭސް ވަގުތުން ލިބޭނެ އިންތިޒާމު ދެމެހެއްޓެނިވިގޮތެއްގައި މިހާރުވަނީ ހަމަޖައްސަވާފައެވެ. އަދި ސްޓޭޓް ފާމާގެ ދަށަށް ފާމަސިތައް އައުމާއެކު ބޭސް ފިހާރައިން ނުލިބޭ ބޭސްތައް، ރާއްޖެއިން ބޭރުން ގެނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މިކަމަށްޓަކައި ހާއްސަ ހޮޓްލައިން ނަމްބަރެއްގެ ގޮތުގައި 1505 ގާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާއިރު، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭނުންވާ ބޭހަކަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ބޭސް ކުންފުނީގެ ޕޯޓަލް ”ސްޓޭޓް ފާރމަރ ޕޯޓަލް“ ތައާރަފްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި ކުންފުންޏެއް އުފައްދެވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. ބޭހާއި ގުޅިގެން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ޙައްލެއް ގެނައުމުގެ މަޤުޞަދުގައި އުފެއްދެވި މި ކުންފުނިން ބޭހުގެ މައްސަލަތައް ހައްލުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންގެންދެއެވެ. މީގެ ތެރޭގައި އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ.



