ރައީސް ޑރ. މުއިއްޒު ސިހުރު ހަދާކަމަށް ރައީސް ނަސީދު ތުހުމަތު ކުރައްވައިފި
ދެންމެ | 09 ޖޫން 2026

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭނަށް ނ. މާފަރަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒަކީ ސިހުރު ހާހޫރައިން ކަންކަން ބަދަލުކުރެވޭނެ ކަމަށް ގަބޫލުކުރައްވައި، އެފަދަ ކަންކަމަށް ބަރޯސާވެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން، އުކުޅަހުގައި ހުންނަ ސިހުރު ހަދާ މީހެއް މެދުވެރިކޮށް ރައީސް މުއިއްޒު އާންމުކޮށް ސިހުރު ހައްދަވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ބަދަލުގައި، އެ ފައިސާ ރާއްޖޭގެ ތަރައްގީއަށާއި ގެދޮރު އެޅުމުގެ މަޝްރޫއުތަކަށް ބޭނުންކުރެވޭނެ މަގުތަކެއް ހޯދަންޖެހޭ ކަމަށާއި، ހާއްސަކޮށް ޔޫރަޕްގެ ޕެންޝަން ފަންޑުތަކުން ނަގާފައިވާ ދަރަނިތަކާ ގުޅޭގޮތުން އަލުން މަޝްވަރާކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ނަޝީދު ވިދާޅުވީ، މާލެ ސަރަހައްދުގައި ގިނަ ފްލެޓްތަކެއް އެޅިފައި ހުރި ނަމަވެސް، އެ ތަންތަނުގެ ކުލި ބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިހާރު މަހަކު 7،000 އާއި 12،000 އާ ދެމެދުގެ އަދަދެއް ކުއްޔަށް ދައްކަން ޖެހުނު ނަމަވެސް، އެމްޑީޕީން މަސައްކަތްކުރަނީ މަހަކު 2،000 ނުވަތަ 3،000 ރުފިޔާއަށް ގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދޭން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިހުރު ފަދަ ކަންކަމަށް ބަރޯސާވެގެން ގައުމަކަށް ތަރައްގީ ނުގެނެވޭނެ ކަމަށާއި، އެމްޑީޕީއަކީ ތަރައްގީގެ ވިސްނުން ހުރި ޕާޓީއެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، 2028 ވަނަ އަހަރުގެ ކުރިން ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގައި ގެދޮރު އެޅުމުގެ މަޝްރޫއުތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!