މުސްކުޅިވެ ހަންޓޯޓާވެ ރިޓަރމެންޓަށް ދާންވެފައިވާ މީހަކާ އެމްޑީޕީ ހަވާލު ކުރުމަކީ ކޮސްކަމެއް: ސިއްކަ ފަޒުނާ
ދެންމެ | 12 ޖޫން 2026

ރިޓަޔަރމަންޓް އުމުރަށް ދާ ދެމީހުންނަށް ޕާޓީ ހިންގަން ހަވާލުކޮށްފިނަމަ، ރާއްޖޭގެ އެހެން ބައެއް ސިޔާސީ ޕާޓީތަކަށް ވީހެން އެމްޑީޕީ އުވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ފަޒްނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕޭން ޖަލްސާއަކަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަޒްނާ ވިދާޅުވި ގޮތުގައި ރޭ ބޭއްވި އެ ޖަލްސާއަކީ ފަހުގެ ތާރީޚެއްގައި އެކަމަނާ އަޑުއެއްސެވި އެންމެ އޮއްޓަރު ހުރި ވާހަކަތަކެއް ދެއްކެވި ޖަލްސާއެވެ.

އެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ވަކި ޝަޚްސެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ފިކުރެއްގެ ބަދަލުގައި، ވަކި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ ވިސްނުމަކަށް ޖާގަދޭން ޖެހޭ ކަމަށް ބާރުއަޅުއްވާފައެވެ. އަދި ޕާޓީގެ ދަންމަރު ޒުވާން ޖީލަކާ ހަވާލު ކުރަންޖެހޭ ކަމަށާއި، ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު އެމްޑީޕީގައި އޮތްކަން ހާމަވާނީ މީކާއީލް ފަދަ ޒުވާން ލީޑަރުންނަށް ޕާޓީ ހިންގުމުގެ ފުރުސަތު ދީގެން ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެ ޖަލްސާގައި ވާހަކަދެއްކެވި ފުނަމާ އާދަމް މަނިކު ވަނީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި އެތައް ބަޔަކު ވި ގުރުބާނީތަކާއި، ލިބުނު އަނިޔާތަކުގެ ހަނދާންތައް އާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ދުނިޔެ ދޫކުރެއްވި ބޭފުޅުންގެ ވާހަކަ ނުދައްކައި، ހަމައެކަނި އެންމެ ޝަޚްސެއްގެ ވާހަކަ ދެއްކުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

މެޑަމް ފަޒްނާގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ، މި ޖަލްސާގައި އެކި ބޭފުޅުން ދެއްކެވި ޒާތީނުވާ އިލްމީ ވާހަކަތައް އަޑުއެއްސެވުމަށް އެމްޑީޕީގެ މެންބަރުންނަށާއި އެހެނިހެން ފަރާތްތަކަށް ދައުވަތު އަރުވާފައެވެ. މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ މިކަމަށް ހުއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!