ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ރައީސް ކަނޑައަޅުއްވައިފި
ދެންމެ | 22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މި މަޝްރޫޢުތައް ކަނޑައަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ޤަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ސަރުކާރުން ހިންގުމަށް ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ގެޒެޓުގައި ޝާއިޢުކުރަންޖެހޭތީ ނެރުއްވި ޤަރާރެކެވެ.

 

މަޝްރޫޢުތައް ހިމެނޭ މައިގަނޑު ދާއިރާތައް

ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކުގެ އިތުރުން، ދާޚިލީ ސަލާމަތާއި، ދިފާޢީ ރައްކާތެރިކަމާއި، ފަންނިއްޔާތާ ގުޅޭ ދާއިރާތައް ހިމަނުއްވާފައިވެއެވެ. މީގެ އިތުރުން ބިނާރާއި ގެދޮރުވެރިކަމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، މޫސުމީ ބަދަލުތަކާއި ހަކަތައާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ދަށް މިންވަރުވެސް ވަނީ ބަޔާންކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ”މިފަހަރުގެ ޤަރާރުގައި ބައެއް މަޝްރޫޢުތައް ތަފްސީލީގޮތެއްގައި ހިމެނުމުގެ ބަދަލުގައި މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ދާއިރާތައް ވަރަށް ފުޅާކޮށް“ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޤަރާރާ އަޅާބަލާއިރު ގެނެސްފައިވާ ބަދަލެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޤަރާރުގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ފަތުރުވެރިކަމަށާއި އާންމު ދިރިއުޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުތަކާއި، ޖަލު ތަރައްޤީކުރުމާއި، އެއަރޕޯޓުތައް ތަރައްޤީކުރުން ހިމެނެއެވެ. އަދި ސޯޝަލް ހައުސިންގ، ކޯޒްވޭތައް ބިނާކުރުން، ޔޫޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުން އަދި ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައްވެސް މި ލިސްޓުގައި ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!