ރައްޔިތުންގެ އަޑުއަހަން ސަރުކާރުން ވަކި އޮފީހެއް ހެދުމުން ރީކޯ މޫސަ އަޖައިބު ވެއްޖެ
ދެންމެ | 25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި މޫސަ ވިދާޅުވީ، ރައްޔިތުން ގެންނަ ޝަކުވާތައް އަޑުއަހާފައި އެކަންކަން ޙައްލުކޮށްދެވޭ ބަޔަކު މިއަދު ކެބިނެޓުގައިވެސް ނެތް ކަމަށެވެ. އެހެންނަމަވެސް ހަގީގަތުގައި މި ކަންކަން ޤާނޫނުތަކާ އެއްގޮތަށް ކޮށްދިނުމަކީ ވަޒީރުންގެ ޒިންމާއެއް ކަމަށާއި، ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ބަލައި އެކަންކަން ޙައްލުކޮށްދިނުން ވަޒީރުންގެ މަސައްކަތްތަކުގެ ތެރޭގައިވެސް ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނީވެސް އެފަދަ ސަބަބުތަކާހެދި ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގީ ތަފާތުކޮށް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި އެންމެ ފުރަތަމަ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސާފުކޮށްފައި ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި އެކަންކަން ޙައްލުކޮށްދެވޭނެ ގޮތްތަކުގެ މެނިފެސްޓޯތައް އެކުލަވާލާފައިވާ ކަމަށާއި، ރައްޔިތުންގެ ޙައްޤުތައް ކިޔާދީ އެކަމުގެ ވަކި ނިޒާމެއް އޭރު ޤާއިމުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި ރައީސް ރަށްރަށަށްވެސް ވަޑައިނުގެންނެވީ ރައްޔިތުންގެ ޝަކުވާ އަޑުއައްސަވަން ބޭނުންނުވާތީ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ. އެގޮތުން މަޝްރޫއުތައް ހުއްޓިފައި ހުރުމާއި، ބޭސް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ކަރަންޓު ނެތުން ފަދަ އެތައް ކަމެއް ހުރުމާއެކު ރައީސަށް ރައްޔިތުންގެ ގާތަށް ދާން ކެރިވަޑައިނުގެންނެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި ރައީސް ރަށްރަށަށްވެސް ވަޑައިނުގެންނެވީ ރައްޔިތުންގެ ޝަކުވާ އަޑުއައްސަވަން ބޭނުންނުވާތީ، އެގޮތުން މަޝްރޫއުތައް ހުއްޓިފައި ހުރުމާއި، ބޭސް ނުލިބުމާއި، ތަކެތީގެ އަގު ބޮޑުވުމާއި، ކަރަންޓު ނެތުން ފަދަ އެތައް ކަމެއް ހުރުމާއެކު ރައީސަށް ކެރިވަޑައިނުގެންނެވީ ރައްޔިތުންގެ ގާތަށް ދާން،

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު

 

އެހެންނަމަވެސް ރައީސަކަށް ހުންނަވާ ބޭފުޅަކީ ރައްޔިތުން އެއްޗެހިކީނަމަވެސް އަޑުއައްސަވަން ކެރޭ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ ވަނީ މި ސަރުކާރުގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު ރައްޔިތުން ނުހަނު ނުރުހިފައި ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!