ރައީސް ޑރ. މުއިއްޒާއިއެކު އެކަހެރިކޮށް ބައްދަލު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ދެންމެ | 26 ޖޫން 2026

ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުނަށް ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ވާހަކަ ދައްކަވަމުން އެމަނިކުފާނާ ބައްދަލުކޮށްގެން ނުވަތަ އެ ނޫން ގޮތްގޮތުން ވިޔަސް، ރައްޔިތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ގޮތެއް ނުނިމި ނުވަތަ ހައްލެއް ހޯދައި ނުދެވި އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. އަދި ޖަވާބެއް ނުލިބި ލަސްވެފައިވާ ކަމެއް އޮތް ނަމަ، އެއީ ފްލެޓް ފަދަ ބޮޑެތި މަޝްރޫޢުތަކާ ގުޅުންހުރި ކަމަކަށް ވުން އެކަށީގެންވަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ބައެއް ފަރާތްތަކުން އެމަނިކުފާނާ ސީދާ ބައްދަލުކުރުމަށް އެދެމުންދާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެފަދަ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ކޮންމެ ހަފުތާއަކު އެއް ދުވަހު ނުވަތަ ދެ ދުވަހު، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހަމަޖައްސަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

“ އެކަމަށް އެދޭ ފަރާއްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމެނޭ ، ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާ އާއި ބައްދަލުވާކަމަށް ވަންޏާއި 15 ވަރަކަށް ގެޔާއި ބައްދަލުވަންޏާއި ވަރަށް ގިނަ މީހުންނާއި ފުރުސަތު ލިބިގެންދާނެ. އެމީހަކު ބޭނުންވާ ވާހަކަތަކެއް ދައްކަން. އެކަހަލަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށަން އެބަ އުޅެން“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު އެ ކަންކަމަށް ފިޔަވަޅު ނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!