ޑްރަގާއި ހެދި އެތައް ޒުވާނުންނެއްގެ ގާބިލުކަން ވަނީ ގެއްލިފައި: ސީޕީ
ދެންމެ | 07 ޖުލައި 2026

މަސްތުވާތަކެތީގެ ވަބާ ޖީލުތަކަކަށް ދެމިގެންގޮސް، އެތައް ޒުވާނުންނެއްގެ ގާބިލުކަން ވަނީ ގެއްލިފައިވާތީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވިއެވެ.

ސީޕީ މިހެން ވިދާޅުވީ، މަސްތުވާތަކެތި ތަހުލީލުކުރުމަށް ބޭނުންކުރާ 150 ”ފީލްޑް ޓެސްޓިންގ ކިޓް“ ފުލުހުންނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފުލުހުން ބުނީ މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫ.އެން.އޯ.ޑީ.ސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ ތަކެއްޗަކީ ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެތިކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ކޮމިޝަނަރު އަހްމަދު މުހައްމަދު ފާހަގަކުރެއްވިއެވެ.

މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 އާ ސީދާ ގުޅުންހުރި ކަމެއްކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މި ކަމުގެ ސަބަބުން ހާއްސަކޮށް ތަހުގީގުގެ ދާއިރާ ހަރުދަނާކުރުމާއި، ފުލުހުންގެ މަސައްކަތްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށްގެން ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މީގެ ސަބަބުން އެހީއަކަށްވެގެންދާނެކަމަށެވެ.

”މިއީ ހަމައެކަނި ފޯރުކޮށްދެވުނު އާލާތްތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރާއި، ގުޅިގެން މަސައްކަތްކުރުމާއި، މަސްތުވާތަކެތި ނައްތާލުމަށް ގުޅީގެން ކުރާ މަސައްކަތުގެ ރަމްޒެއް“ ކޮމިޝަނަރު ވިދާޅުވިއެވެ.

މި ކިޓްތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް އެ ވަގުތުން ވަގުތަށް ދެނެގަނެވޭނެކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ސަބަބުން ތަހުގީގުގެ މަސައްކަތްތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކިތަކެއް ހޯދުމަށް ފަސޭހަވެގެންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!