މެދުއިރުމަތީގައި އީރާނާއި އެމެރިކާއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައި، ހުރްމުޒް ކަނޑުއޮޅި ހުޅުވާނީ ހަމައެކަނި އީރާނުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުން ކަމަށް އެ ގައުމުގެ އިސް މަޝްވަރާވެރިޔާ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިރުދެއްކުމާއި ވެފައިވާ ވައުދުތަކާ ޚިލާފުވުމަކީ އޭގެ ނަތީޖާއާ ކުރިމަތިލާން ނުޖެހޭނެ ކަމެއް ނޫންކަން އެމެރިކާއަށް އަދިވެސް ދަސްނުވާ ކަމަށެވެ. އަދި އީރާނަށް ހަމަލާއެއް ދީފިނަމަ، އޭގެ ބަދަލުގައި ހަމަލާ ލިބޭނެކަން ސާފުކޮށްދެއްވަމުން ޣާލީބާފް ވިދާޅުވީ، އެމެރިކާގެ ބިރުދެއްކުންތަކުގެ ދަށުން ހުރްމުޒް ކަނޑުއޮޅި ހުޅުވައިނުދޭނެ ކަމަށެވެ.
ޣާލީބާފް މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުރާސްފަތި ދުވަހު އީރާނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ސެންޓްކޮމްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެމެރިކާގެ ސިފައިން ވަނީ އީރާނުގެ އަސްކަރީ 90 އަމާޒަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި އީރާނުގެ އައްސޭރިފަށުގައި ހުރި ވައިގެ ދިފާއީ ނިޒާމުތަކާއި، އައްސޭރިފަށް ބަލަހައްޓާ ވަސީލަތްތަކާއި، މިސައިލާއި ޑްރޯން ރައްކާކުރާ ތަންތަނުގެ އިތުރުން، ކަނޑުގެ އަސްކަރީ ގާބިލުކަމާއި ލޮޖިސްޓިކްސްއާ ގުޅޭ މުހިންމު އިންފްރާސްޓްރަކްޗަރުތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.



