ސެއިހް ހަސިނަށްތަ ޑިސެމްބަރު މަހު ބަގްލަދޭސްއަށް ވަޑައިގަންނަން ނިންމައިފި
ދެންމެ | 10 ޖުލައި 2026

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިންޑިއާގައި ހުންނެވި ދެ އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވީ ނަމަވެސް، އަންނަ ޑިސެމްބަރު މަހު އަނބުރާ ގައުމަށް ވަޑައިގަތުމަށް ރާވަމުންދާކަމަށް ވިދާޅުވެއްޖެ އެވެ.

އުމުރުފުޅުން 78 އަހަރުގެ ކުރީގެ ލީޑަރު ރޮއިޓާސް ނިއުސް އެޖެންސީއަށް ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެކަމަނާގެ އަވާމީ ލީގު ސިޔާސީ މައިދާނުން އެކަހެރިކޮށް، ގާނޫނީގޮތުން ބަންދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މަސައްކަތް ފެއްޓެވުމަށްޓަކައި، އެ ޕާޓީގެ އިސް އޮފިޝަލުންނާއެކު ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަތުމަށް ގަސްދުކުރައްވާ ކަމަށެވެ.

2024 ވަނަ އަހަރު ހަސީނާގެ ހަރުކަށި ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރި އިހުތިޖާޖުތަކާއި، ދަރިވަރުން އިސްވެ ތިބެ ހިންގި ހަރަކާތްތައް ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް ހިންގި ގަތުލުއާންމަށްފަހު އެކަމަނާ ގައުމުން ފިލައިގެން ވަޑައިގަތުމާ ގުޅިގެން، ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކަށް، އެކަމަނާ އެނބުރި ވަޑައިގަތުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

އަނެއްކޮޅުން، ހަސީނާއަށް ހިމާޔަތް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުވުމަށް މިކަމުގެ ސަބަބުން މަގުފަހިވެދާނެ އެވެ.

މީގެ ދެ އަހަރު ކުރިން ފިލައިގެން ވަޑައިގެން ހުންނެވި އިންޑިއާގެ ވެރިރަށް ނިއުދިއްލީން ފޯނު މެދުވެރިކޮށް ދެއްވި އިންޓަވިއުގައި ހަސީނާ ވިދާޅުވީ، ”އަހަރެން އެނބުރި ދިއުމުން ހައްޔަރުކޮށްފާނެ، ނުވަތަ މަރާވެސް ލާފާނެ“ ކަމަށެވެ. އަދި އެކަމަކުވެސް ގައުމަށް ދާންޖެހޭ ކަމަށާއި، މަރު އަންނަންވާނީ އަމިއްލަ ފަސްގަނޑުގައި ހުއްޓާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ކުރީގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެކަމަނާ އެނބުރި ވަޑައިގަތުމަކީ، މިހާރު މަނާކޮށްފައިވާ އެކަމަނާގެ ޕާޓީ، އަވާމީ ލީގާ ދެކޮޅަށް އަޅާފައިވާ ގާނޫނީ ފިޔަވަޅުތަކަށް ގޮންޖެހުމަށްޓަކައި ރޭވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަސީނާ ވަނީ އަރުވާލެވިގެން ގައުމުން ބޭރުގައި ތިއްބެވި ޕާޓީގެ އެހެން މެންބަރުންނަށްވެސް އެކަމަނާއާ ބައިވެރިވުމަށް ގޮވާލައްވާފަ އެވެ. އޭގެ ތެރޭގައި މަރުގެ ހުކުމް އިއްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްވެސް ހިމެނެ އެވެ.

އެކަމަނާގެ މައްޗަށް ހިންގާ ގާނޫނީ ކަންކަމަކީ ”ފުރައްސާރައެއް“ ކަމަށް ސިފަކުރައްވަމުން ހަސީނާ ވިދާޅުވީ، ”އަހަރެމެން އެންމެން އެކުގައި ކޯޓަށް ހާޒިރުވެ އަމާންދޭނަން“ ކަމަށެވެ.

ނަމަވެސް، ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ވަނީ ކުރީގެ ލީޑަރަށް އެއްވެސް ލުޔެއް ދިނުމުގެ ވިސްނުމެއް ނެތްކަން ސާފުކޮށްދީފަ އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ’ޕްރޮތޮމް އާލޯ‘ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުލައި 4 ވަނަ ދުވަހު ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވިދާޅުވީ، މިފަދަ އަނިޔާވެރި މަރުތަކާއި ގަތުލުއާންމުތަކަށްފަހުވެސް، ގިނަ ބަޔަކު މަރާލި ޝައިޚް ހަސީނާގެ ކިބައިގައި މިއަދާ ހަމައަށްވެސް އެއްވެސް ދެރަވުމެއް ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަވާމީ ލީގު ވަނީ ސިޔާސީގޮތުން ހަލާކުވެ، ނެތިގޮސް، ދިއްލީގައި ވަޅުލެވިފައި ކަމަށެވެ.

 

ނުތަނަވަސްކަމުގެ މައިގަނޑު ސަބަބު

ޝައިޚް ހަސީނާގެ 20 އަހަރުވީ ދިގު ވެރިކަމުގައި ބަންގްލަދޭޝްގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތައް މިލިއަން ބަޔަކު ފަގީރުކަމުން ސަލާމަތްކޮށް، އެ ގައުމަކީ ދުނިޔޭގެ ފެންވަރުގައި ފޭރާން އެކްސްޕޯޓްކުރާ މުހިންމު ގައުމަކަށް ހެއްދެވި އެވެ.

އެހެންނަމަވެސް، އުމްރާނީ ތަރައްގީ އާއި ކުރިއެރުމުގައި އެކަމަނާ ހޯއްދެވި ކާމިޔާބީތަކުގެ މައްޗަށް، ޚުދުމުޚުތާރު ވެރިކަމާއި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ނިޒާމީގޮތެއްގައި ދިން އަނިޔާތަކާއި، އޮޅުވާލާފައިވާ އިންތިޚާބުތަކުގެ ހިޔަނި ވަނީ އެޅިފަ އެވެ.

އެކަމަނާ މިހާރު ވަނީ ގައުމުން ބޭރުގައި ހުންނަވައިގެން، 100 އަށްވުރެ ގިނަ ދާއިރާތަކުގެ މެންބަރުންނާއެކު އޮންލައިންކޮށް ބައްދަލުވުންތައް ބާއްވައި، ޕާޓީ އަލުން އިންތިޒާމުކުރަން ފައްޓަވާފަ އެވެ.

އެކަމަނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެކަމަށް ގަބޫލުކުރެއްވި ނަމަވެސް، ޑާކާގެ މިހާރުގެ ސަރުކާރުން އެކަމަނާގެ ސިޔާސީ ޕާޓީއަށް ހުރަސްއަޅަމުންދާތީ އެކަމަށް ފާޑުވިދާޅުވި އެވެ. ރޮއިޓާސްއަށް ދެއްވި އިންޓަވިއުގައި ”އަވާމީ ލީގު ސަސްޕެންޑް ކުރަންވީ ކީއްވެ؟“ ތޯ އައްސަވާ ސުވާލު އުފެއްދެވި އެވެ. އަދި ”އަހަރެމެން ކަންތައް ކުރީ ގޯސްކޮށް ކަމަށްވާނަމަ، އެކަން ނިންމަން ރައްޔިތުންނަށް ދޫކޮށްލާ“ ށޭ ވެސް ވިދާޅުވި އެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު، ހަސީނާ އިންޑިއާގައި ހުންނެވުމަކީ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ މައިގަނޑު ސަބަބެވެ.

ބަންގްލަދޭޝްގެ އާ ސަރުކާރުން ތަކުރާރުކޮށް އެދެމުންދަނީ ހަސީނާ އެ ގައުމާ ހަވާލުކުރުމަށެވެ. އަދި އިންޑިއާގެ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި، މިކަމުގެ ސަބަބުން ނިއުދިއްލީ ވަނީ ޚާރިޖީގޮތުން ދަތި އުނދަގޫ ހާލަތެއްގަ އެވެ.

އިންޑިއާގެ އޮފިޝަލުން މީގެ ކުރިން ވިދާޅުވެފައިވަނީ، ހަސީނާ ހަވާލުކުރުމަށް އެދިފައިވާ އެދުމާ މެދު ދިރާސާކުރަމުންދާ ކަމަށާއި، ޑާކާއާއެކު ”ބިނާކުރަނިވި ގޮތެއްގައި“ މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

ހަސީނާ އަމިއްލަފުޅަށް އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް މި ނުތަނަވަސްކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!