ފާއިތުވި ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހދ. އަތޮޅުގައި ކައިވެނިކުރާ ނިސްބަތާ ގާތްކުރާ މިންވަރަކަށް ވަރީގެ އަދަދު އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ބުދަ ދުވަހު އާންމުކުރި ހިސާބުތައް ދައްކާގޮތުން، މި މުއްދަތުގައި އެ އަތޮޅުގައި 102 ކައިވެނި ކުރެވުނުއިރު، 90 ވަރި ވަނީ ރެކޯޑުކުރެވިފައެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުގެ އެހެން ރަށްތަކާ އަޅާބަލާއިރު އެންމެ ގިނަ ކައިވެނި ކުރެވިފައިވަނީ އާބާދީގެ ގޮތުން އެންމެ ބޮޑު ކުޅުދުއްފުށި ސިޓީގައެވެ. އެ ސިޓީގައި 54 ކައިވެނި ކުރެވުނުއިރު، ދެވަނައަށް އެންމެ ގިނަ ކައިވެނި ކުރެވުނީ ނޮޅިވަރަމުގައެވެ. އެއީ 8 ކައިވެންޏެވެ. މީގެ އިތުރުން ނޮޅިވަރަންފަރުގައި 7 ކައިވެނި، އަދި ވައިކަރަދޫ، މަކުނުދޫ އަދި ހަނިމާދޫގެ ކޮންމެ ރަށެއްގައި 6 ކައިވެނި ކުރެވިފައިވެއެވެ.
އަތޮޅުގެ އެހެން ރަށްތަކަށް ބަލާއިރު ނޭކުރެންދޫ، ހިރިމަރަދޫ، ފިނޭ، އަދި ނެއްލައިދޫގައި ތިން ކައިވެނި ކުރެވިފައިވާއިރު، ނައިވާދޫ، ކުރިނބީ އަދި ކުމުންދޫގައި ކުރެވިފައިވަނީ ކޮންމެ ރަށަކުން އެންމެ ކައިވެންޏެކެވެ.
ވަރީގެ ތަފާސްހިސާބުތަކުން ވެސް އެންމެ ކުރީގައި އުޅެނީ ކުޅުދުއްފުށި ސިޓީއެވެ. އެ ސިޓީގައި 49 ވަރި ރެކޯޑުކުރެވިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވަރި ހިނގާފައިވަނީ 11 ވަރިއާއެކު ހަނިމާދޫގައެވެ. ނަމަވެސް، ފާހަގަކޮށްލެވޭ އުފާވެރި ކަމަކީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ނެއްލައިދޫ، ހިރިމަރަދޫ އަދި ނޭކުރެންދޫގައި އެއްވެސް ވަރިއެއް ހިނގާފައި ނުވާކަމެވެ.
ދުނިޔޭގެ ނިސްބަތުން ވެސް ވަރީގެ އަދަދު އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، ހދ. އަތޮޅުގެ މި ހިސާބުތަކަކީ މި ހިތާމަވެރި ހަގީގަތް އިތުރަށް ހާމަކޮށްދޭ ހެއްކެކެވެ.



