އީރާނު ވަރަށް ”ޓަފް“ ކަމަށާއި، އެހެން ބަޔަކުނަމަ މިހާރު އަމާންދީފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، ކޭމްޕް ޑޭވިޑްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ޓްރަމްޕް ބުނީ، އީރާނުން ދޫނުދިން ކަމަށާއި، އެއީ ވަރަށް ޓަފް ގައުމެއް ކަމަށާއި، އެކަމުގެ ކްރެޑިޓް އޭނާ އީރާނަށް ދޭ ކަމަށެވެ.
ޓްރަމްޕް ބުނީ އީރާނުން ކަންތައް ކުރަމުންދާގޮތުން މިހާރު އިތުބާރު ގެއްލިފައިވާ ކަމަށާއި، އީރާނުން ވަރަށް ބޮޑަށް ދޮގުހަދައި ކަންކަން އޮޅުވާލަމުންވެސް ގެންދާ ކަމަށެވެ.
އެމެރިކާއިން އީރާނާ ވާހަކަ ދައްކަމުން ގެންދަނިކޮށް ކުރިންދުވަހުވެސް އީރާނުން އުރުދުންގެ އަސްކަރީ ބޭހަށް ހަމަލާދީފައިވާކަން ޓްރަމްޕް ފާހަގަ ކުރިއެވެ.
މި ހުރިހާ ވާހަކަތަކެއް ދެއްކުމަށްފަހު އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، އެމެރިކާ ސިފައިން އީރާނަށް ވަރުގަދައަށް ހަމަލާތައް ދެމުންގެންދާނޭ ކަމަށާއި، ”ކޮންމެވެސް ހިސާބަކުން ދެން ކެތެއް ނުވާނެއޭ“ އީރާނު ބުނަންދެން ހަމަލާތައް ދެމުންގެންދާނޭ ކަމަށެވެ.
ޓްރަމްޕް ބުނީ، މިހާރުވެސް އީރާނު ވަރަށް ބޮޑަށް ސުންނާފަތި ކޮށްލެވިފައިވާ ކަމަށާއި، އީރާނުގެ ވެރިން ނައްތާލެވިއްޖެ ކަމަށާއި، އީރާނުގެ ހުރިހާކަމެއް ނެތިކޮށްލެވިއްޖެ ކަމަށާއި، އެކަމަކުވެސް އީރާނުން ހަނގުރާމަ ކުރަމުންދާ ކަމަށެވެ.
ޓްރަމްޕް ބުނީ، އެމެރިކާ ބޭނުންވަނީ އީރާނުގެ މައްޗަށް ކާމިޔާބީ ހޯދުމަށް ކަމަށެވެ.
އެކަމަކު، އީރާނާ ދެކޮޅަށް މާ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ހަގީގަތުގައި އެމެރިކާގެ ރައީސް މިހާރު ނުވިސްނާކަމަށް ތަޖުރިބާކާރު އެތައް ބޭފުޅުން ގެންދަނީ ބުނަމުންނެވެ. މައިގަނޑު ސަބަބަކީ، އީރާނުން ފޮނުވާލާ މިސައިލްތައް ވައްޓާލަން ބޭނުންކުރާ އިންޓަރސެޕްޓަރާއި، އެއަރ ޑިފެންސަށް ބޭނުންވާ އެހެންވެސް ހަތިޔާރުގެ ސްޓޮކް މަދުވެފައި ވުމެވެ.
ހަނގުރާމަ ކޮށްގެން އީރާނުގެ މައްޗަށް ކުރި ނުލިބި، އެމެރިކާ ސިފައިންނަށާއި، ހަތިޔާރަށާއި، އެމެރިކާގެ އަސްކަރީ ބޭސްތައް އީރާނުން ސުންނާފަތި ކުރާން ފެށުމުން ޓްރަމްޕް ގެންދަނީ ”އެހެންގޮތަކަށް“ އީރާނުގެ މައްޗަށް ކުރި ހޯދޭނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. އެގޮތުން، އެއްގަމުމަގުން އީރާނު ބްލޮކޮށް އިގްތިސާދީގޮތުން އީރާނަށް ދަތިކުރަން ޓްރަމްޕާއި ނަތަންޔާހޫ މަޝްވަރާކުރި ކަމުގެ ރިޕޯޓްތަކެއް ފެތުރެމުން އެބަދެއެވެ.



