ހޮރުމުޒް ކަނޑުއޮޅި ބަންދެއް ނޫން، ހަމައެކަނި ދަތުރު ނުކުރެވެނީ: އެމެރިކާ
ދެންމެ | 01 އޯގަސްޓް 2026

އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް ބުނެ ކުރާ ދައުވާ އެމެރިކާގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި، އީރާނުގެ ސަރުކާރުން އެ ހަދަނީ ކަނޑައެޅިގެން ދޮގެކެވެ. ވިޔަފާރި ބޯޓުފަހަރަށް ދަތުރުކުރެވޭ ގޮތަށް އެ ކަނޑުއޮޅި އަދިވެސް އޮތީ ހުޅުވިފައި ކަމަށް އެ ކޮމާންޑުން ބުންޏެވެ.

ސެންޓްކޮމްއިން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ އެ ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަކަށް ނޯންނާނެއެވެ. މީގެ އިތުރުން، ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އެތައް ހާސް ބޯޓެއް އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ހަތިޔާރުއެޅި ފަރާތްތަކުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކުވެސް އެ ސަރަހައްދުން ބޯޓުފަހަރަށް ދަތުރު ނުކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ސެންޓްކޮމްއިން ވަނީ އެކަން ދޮގުކޮށް، ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައެވެ.

ހޮރުމުޒް ކަނޑުއޮޅިއަކީ ފާރިސީ ގަލްފާއި އޮމާން ގަލްފު އަދި އަރަބި ކަނޑު ގުޅުވައިދޭ، ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ ވަރަށް މުހިންމު މަގެކެވެ. އެހެންކަމުން، އެ ކަނޑުއޮޅިން ކުރާ ވިޔަފާރި ދަތުރުތަކަށް އެއްވެސް ހުރަހެއް އެޅިއްޖެނަމަ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އަރަބް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.

މި ބަޔާން ނެރެފައިވަނީ، ހޮރުމުޒް ކަނޑުއޮޅިން ނުކުންނަން މަސައްކަތްކުރި ދެ ބޯޓެއް ހުއްޓުވާފައިވާނެ ކަމަށާއި، އިތުރު ހަތަރު ޓޭންކަރެއް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް އީރާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!