ރައްޔިތުންގެ މަޖިލީހުން އަދަދު ނުކުރެވޭހާ ގިނަ ގާނޫނުތައް ފާސްކުރި ނަމަވެސް، އެ ގާނޫނުތައް ތަންފީޒު ނުކޮށް ފައިލްތަކުގައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ އެއްވެސް މަންފާއެއް ނުލިބޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ސަރުކާރުން ބުނާއިރު، އޭގެ ހެޔޮ އަސަރު ރައްޔިތުންގެ ޖީބުތަކަށް ކުރަންޖެހޭނެ ކަމަށެވެ.
ނަމަވެސް، އެކަން އެހެން ނުވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިއަދު ރައްޔިތުން ޑޮލަރެއް ގަންނަންޖެހެނީ 22.50 ރުފިޔާއަށް ވުރެ ބޮޑު އަގުގައި ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ގަތުމަށް ހޭދަކުރި ނަމަވެސް އޭގެ ބޮޑު އިންސައްތައެއް ވިއްކަނީ ރިސޯޓުތަކަށް ކަމަށެވެ. އަދި އެމްއޭސީއެލް އިން ވަގަށް ޑޮލަރު މާރުކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖޭގައި ރަޖިސްޓްރީ ނުކުރާނަމަ، އެ ފަރާތްތަކުން ދައުލަތަށް ވަންނަންޖެހޭ ފައިސާ ވަދޭތޯ ބަލަންޖެހޭނެ ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ޕާޓީއެއްގެ މައްސަލައެއް ނޫން ކަމަށާއި، އިސްކުރަންޖެހޭނީ ގައުމީ މަސްލަހަތު ކަމަށެވެ.
ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުން ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތްކަން ފާހަގަކުރައްވައި، ހަދާ ގާނޫނުތައް ތަންފީޒުކޮށްގެން ނޫނީ ގައުމަށް ތަރައްގީއާއި ކުރިއެރުން ނުލިބޭނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.



