އެމެރިކާގައި ޓްރަންޕްގެ ތާއީދު ރިކޯޑް މިންވަރަކަށް ދަށަށް ގޮސް ހަފުސް ވެއްޖެ
ދެންމެ | 18 އޯގަސްޓް 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގްބޫލުކަން ނުވަތަ އެޕްރޫވަލް ރޭޓިން 33 ޕަސެންޓަށް ވެއްޓިއްޖެ އެވެ. އޭނާގެ ދެވަނަ ދައުރުގައި އެޕްރޫވަލް ރޭޓިން މީގެ ކުރިން މިހާ ދަށަށް ގޮސްފައެއް ނުވެ އެވެ.

 

މިއީ ޑިސެމްބަރު 2017 ގައި ޓްރަމްޕުގެ ތާއީދު އެންމެ ދަށަށް ދިޔަ ރެކޯޑާ އެއްވަރު އަދަދެކެވެ.

އާންމުންގެ ތާއީދު މިހާ ބޮޑަށް ދަށަށް ދާން މެދުވެރިވީ އީރާނާ އެކު ހިނގަމުންދާ ހަނގުރާމަ އާއި އެމެރިކާގެ މާކެޓްތަކުގައި ތަކެތީގެ އަގާއި ތެލުގެ އަގު އުފުލެމުންދިއުމުގެ ސަބަބުންނެވެ.

ރޮއިޓާސް/އިޕްސޮސް ޕޯލް އިން ދައްކާ ގޮތުގައި އެމެރިކާގެ 64 ޕަސެންޓް މީހުން މިހާރު ޓްރަމްޕްގެ މަސައްކަތްތަކާ މެދު ހިތްހަމައެއްނުޖެހެ އެވެ.

 

މައިގަނޑު ހުރިހާ ޕޯލްތަކަކުން ފެންނަ ނަތީޖާ

ޓްރަމްޕްގެ ތާއީދު ދަށަށް ދާކަން އެމެރިކާގެ ބޮޑެތި ހުރިހާ ސާވޭތަކަކުން ވެސް ވަނީ ކަށަވަރުވެފަ އެވެ.

ރޮއިޓާސް/އިޕްސޮސް: 33 ޕަސެންޓް ތާއީދު | 64 ޕަސެންޓް ނުރުހުން — މިއީ ހަނގުރާމައިގެ ސަބަބުން ޓްރަމްޕްގެ ސިޔާސީ ހަޔާތުގައި ތާއީދު އެންމެ ދަށަށް ދިޔަ ވަގުތެވެ.

ދި އިކޮނޮމިސްޓް / ޔޫގަވް: 34 ޕަސެންޓް ތާއީދު | 61 ޕަސެންޓް ނުރުހުން — ޖުލައި މަހުގެ މެދުތެރޭގައި އީރާނަށް ދިން ވައިގެ ހަމަލާތަކަށް ފަހު ޓްރަމްޕްގެ ނެޓް އެޕްރޫވަލް ވަނީ -27 ގެ ރެކޯޑް ދަށް މިނަކަށް ވެއްޓިފަ އެވެ.

އެންބީސީ ނިއުސް / ސާވޭމަންކީ: 37 ޕަސެންޓް ތާއީދު | 63 ޕަސެންޓް ނުރުހުން — ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ވަނީ ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލަ ޓްރަމްޕަށް ހައްލުނުކުރެވޭތީ ފާޑުކިޔައިފަ އެވެ.

ކުއިނިޕިއަކް ޔުނިވާސިޓީ: 32 ޕަސެންޓް ތާއީދު — މިއީ މި މުއައްސަސާގެ ތާރީހުގައި ޓްރަމްޕަށް އެންމެ ދަށް ތާއީދެއް ލިބުނު ފަހަރެވެ.

މަގްބޫލުކަން ދަށަށް ދިޔަ މައިގަނޑު ސަބަބުތައް

މި ބޮޑު ހީނަރުކަމާ ގުޅިފައިވަނީ ގައުމީ ދެ މައްސަލައެކެވެ. ފުރަތަމަ ކަމަކީ، ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބުނެ ފެށި އީރާނު ހަނގުރާމަ ދިގުލައިގެން ދިއުމެވެ. މީގެ ސަބަބުން، ދުނިޔޭގެ ތެލުގެ ވިޔަފާރި ކުރާ މައިގަނޑު ސަރަހައްދެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯމުޒްގެ ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފަ އެވެ. އެމެރިކާގެ 80 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި މި ހަނގުރާމަ އަދި ވަރަށް ދިގު މުއްދަތަކަށް ދެމިގެންދާނެ އެވެ. ދެ ވަނަ ސަބަބަކީ ހަނގުރާމައާ ގުޅިގެން އެމެރިކާގެ އެތެރޭގެ އިގްތިސާދަށް އައި ލޮޅުމެވެ. ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހަރަދުތައް ވަނީ އަތްނުފޯރާ ފަށަށް ގޮސްފަ އެވެ. މިހާރު ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތަށް ތާއީދުކުރަނީ އެންމެ 32 ޕަސެންޓް މީހުންނެވެ.

ތާރީހީ ހިސާބުތަކަށް ބަލާއިރު، 1940 ގެ އަހަރުތަކުގައި އެމެރިކާގައި މިފަދަ ޕޯލްތައް ހަދަން ފެށި ފަހުން، ވެރިކަމުގެ މިހާ ހިސާބަށް ދާއިރު އެންމެ ނާކާމިޔާބު އަދި މަގްބޫލުކަން ކުޑަ ރައީސަކީ ޓްރަމްޕެވެ. މިއަށްވުރެ ދަށް ނަތީޖާއެއް ލިބިފައިވަނީ 1974 ގައި މަގާމުން އިސްތިއުފާ ދެއްވި ރައީސް ރިޗަޑް ނިކްސަން އަށެވެ.

ޓްރަމްޕްގެ މަގްބޫލުކަން މިހާ ބޮޑަށް ދަށަށް ދިއުމަކީ ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ސިހުމެކެވެ. މީގެ ސަބަބުން ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ އަޣްލަބިއްޔަތު ދިފާއުކުރުމަށް އެ ޕާޓީއަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!