ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން ޣައިރު ގާނޫނީކޮށް ކަޅު ބާޒާރުން ޑޮލަރު ގަންނަ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވައިފިއެވެ.
މިކަން ހާމަކުރެއްވީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މަޖިލީހުގެ ތަޅުމުގައި ކުރެއްވި ސުވާލަކަށް ރައްދުދެއްވަމުންނެވެ. އޭނާ ވަނީ ބައެއް ކުންފުނިތަކުން ބްލެކް މާކެޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ ކަމަށާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެތެރެކުރާ ތެލުގެ ބޮޑު ބައެއް، ފަތުރުވެރިކަމުގެ ސިނާއަތަށް ނިސްބަތްވާ ރިސޯޓުތަކަށް އާދަޔާ ހިލާފު ބޮޑު އަގުގައި ވިއްކަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަކީ އަމިއްލަ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ތަންތަނަށް ވުމާ އެކު، އެ ތަންތަނުގެ ކޮންމެ ހަރަދެއް ސީދާ ސަރުކާރުން މޮނިޓަރ ނުކުރާ ކަމަށެވެ. އެހެންނަމަވެސް، ކުންފުނިތަކުން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، މިހާތަނަށް އެފަދަ ޝަކުވާއެއްގެ ސައްހަ މައުލޫމާތު ލިބިވަޑައިގެންފައި ނުވި ނަމަވެސް، އެ މައްސަލަ ވަރަށް ގާތުން ބައްލަވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، އެކަން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ބޮޑު ދަރަންޏެއް ދައުލަތުން އަދާކުރަން ޖެހުން ކަމަށެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދަރަނި އަދާކުރުމުގެ ހަރުދަނާ ޕްލޭނަކާ ނުލައި ބޮޑު އިންޓަރެސްޓުގައި ނަގާފައިވާ ސުކޫކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިންޓަރެސްޓާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާއިރު، މި ސްކޫކަކީ 2021އަށް މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު ދެއްކުމަށް ނެގި އެއްޗެކެވެ.
މީގެ އިތުރުން، 2019ވަނަ އަހަރުން ފެށިގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި 8.5 ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސާދުގެ ތެރެއަށް ދޫކޮށްފައިވުމަކީ ވެސް ޑޮލަރުގެ އަގު މައްޗަށް ދިއުމަށް މަގުފަހިވި ކަމެއްކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. ބާޒާރުގައި ދައުރުވާ މި ފައިސާ ނުނެގިއްޖެ ނަމަ އިތުރު ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ދެއްވަމުން، މިހާރު ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



