ޕީއެންސީގެ މަތީ މަޖިލިސް މާދަމާ ފަށަން ނިންމައިފި
ދެންމެ | 14 ސެޕްޓެމްބަރ 2026

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތާރީޚީ ކޮންގްރެސް މާދަމާ ފެށޭއިރު، މިއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އަދި ނަމޫނާ ކޮންގްރެސްއަށް ހަދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މި މަހުގެ 15 ވަނަ ދުވަހުން 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްއަށް ވާދަކުރާ ފަރާތްތަކުގެ ތަފްސީލުތަކާއި އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ.

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ކޮންގްރެސްގެ ހަވާސާ އިން ބޭރުން ކޮންގްރެސްއައި ވަފުދުތަކާއި ރައީސުލްޖުމްހޫރިއްޔާ އެކި ގަޑިތަކުގައި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ 78,505 މެންބަރުންނާ އެކު، ޕީއެންސީގެ މި ކޮންގްރެސްގައި އަތޮޅުތެރެއިން މާލެ އަންނަ ވަފުދުތަކަށް މަރުހަބާ ކިޔުމާއި އިދާރީ އެންމެހާ ކަންކަން މިހާރު ދަނީ ހަލުވިކަމާއެކު ހިނގަމުންނެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މި ކޮންގްރެސްގައި ޕާޓީގެ މުސްތަގުބަލު ބައްޓަންކުރާނެ ގޮތް މެމްބަރުންގެ މަޝްވަރާ އެކު ކުރިޔަށްދާނެ ކަަމަށެވެ.

މި ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޮޑު ވާދަވެރިކަމެއް އޮތްއިރު، ނައިބު ރައީސުންގެ 6 މަގާމަށް 8 ބޭފުޅުން، މެންބަރުންގެ މަޖިލީހުގެ އަންހެން މެންބަރުކަމުގެ 10 މަގާމަށް 22 މެންބަރުން، އަދި ޒުވާނުންގެ މެންބަރުކަމުގެ 7 މަގާމަށް 13 މެންބަރުން ވަނީ ކުރިމަތިލާފަ އެވެ. މީގެ އިތުރުން އާންމު މެންބަރުންގެ 18 މަގާމަށް 73 މެންބަރުން ވާދަކުރައްވާއިރު، އޭގެ ތެރެއިން 9 މަގާމަކަށް ކުރިމަތިލާފައިވަނީ ހަމައެކަނި އިންތިހާބު ކުރަންޖެހޭ އަދަދަށެވެ.

މި ކޮންގްރެސްގައި ބައެއް ބޭފުޅުންނަށް ވަނީ ވާދަވެރިއަކު ނެތުމުގެ ސަބަބުން މަގާމުތައް ކަށަވަރުވެފަ އެވެ. އެގޮތުން އަންހެނުންގެ ހަރަކާތުގެ ރައީސްކަން ހީނާ ވަލީދަށް، ނައިބު ރައީސްކަން އާމިނަތު ހުސައިން ޝަރީފަށް، ސެކްރެޓަރީކަން އާމިނަތު ނާސިހާއަށް އަދި ޚަޒާންދާރުކަން އާމިނަތު ޝިޒްލީނަށް ވަނީ ކަށަވަރުވެފަ އެވެ. ހަމައެއާއެކު، ޒުވާނުންގެ ހަރަކާތުގެ ރައީސްކަން އިބްރާހިމް އަބާން އަބްދުއްލަތީފަށް، ނައިބު ރައީސްކަން ހަސަން ޝަހީދަށް، ސެކްރެޓަރީކަން އިސްމާއިލް އަޒްމީއަށް އަދި ޚަޒާންދާރުކަން މުހައްމަދު ރިފާއުއަށް ވަނީ ކަށަވަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!