ޓެކްސީ ސެންޓަރުތަކަށް ބޭނުން އަގެއް ނުނެގޭނެ، ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް މިނިސްޓްރީ
ދެންމެ | 06 މާރޗް 2022

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގައި ވެސް އޭގެ އަގު ބޮޑުވަމުންދާތީ، މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމިޔަސް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އެ އިންޒާރު އައީ ދަތުރުތައް ކޮށްދޭ އަގު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ރޭ ނިންމާފައިވާ ކަމަށް އިއުލާން ކުރުމާ ގުޅިގެންނެވެ.

މާލެ އަދި ހުޅުމާލެ ތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި ދުވަސްވަރު ޕެޓްރޯލް ލީޓަރެއް ލިބުނީ 8ރ. އަށެވެ. އެކަމަކު، އިއްޔެ އިން ފެށިގެން ލީޓަރެއް 14.60ރ. އަށް އުފުލުމުން، މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާ ހުރިހާ ސެންޓަރެއްގެ އިއްތިފާގުން ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމީ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ ”މިހާރު“ އަށް ވިދާޅުވީ ދަތުރުތައް ކޮށްދޭ އަގުތައް ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމިޔަސް، އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ. މިނިސްޓްރީން ފާސްކޮށް، އިއުލާން ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ދަތުރުތަކަށް ނަގާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސީ ގަވައިދުގައިވާ ގޮތުން، އެ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތާއި އިންޒާރު ދޭންޖެހޭނެ އެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަކީ ކުށެކެވެ. އެ ފަދަ ކުށެއް ކުރާ މީހުންނާއި ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ ފުރަތަމަ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ 500ރ. އަދި ދެ ވަނަ ފަހަރު ނަމަ 1،000ރ. އިން ޖޫރިމަނާކުރުމެވެ.

އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ޓެކްސީ އަގުތައް ބޮޑުކުރާނެ ތަފްސީލް:

– މާލޭގެ އެތެރޭގެ ދަތުރެއް- 30ރ.

– ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް- 25ރ.

– މާލެއިން ހުޅުމާލެ އަށް- 100ރ.

– މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް- 80ރ.

– ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް- 120ރ.

– ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް- 40ރ.

– މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް- 100ރ.

– ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް- 120ރ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމާ ގުޅޭ މަޝްވަރާތަކުގައި އުޅޭ ޓެކްސީ ޑްރައިވަރަކު ބުނީ، ރޭގެ ވަގުތެއްގައި ހުރިހާ ޓެކްސީ ސެންޓަރުތަކެއްގެ އެއްބަސްވެގެން އަގު ބޮޑުކުރަން ނިންމާފައިވާއިރު، މާދަމާގެ ވަގުތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުކުރާނެ ކަމަށެވެ.

މަޝްވަރާކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ޓެކްސީ ސެންޓަރުތަކުގެ ތަތްގަނޑު ޖެހުމަށް ފަހު، މިނިސްޓްރީ އަށް ހުށަހަޅައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަގު ބޮޑުކޮށް ވެސް ދަތުރުތައް ފަށާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، މާލޭގެ އެތެރޭގައި ޓެކްސީ ދަތުރެއްގެ އަގު މިހާތަނަށް 25ރ. އަށް ކަނޑައަޅާފައި އޮތީ ޕެޓްރޯލް ލިޓަރެއްގެ އަގު 8ރ. ގައި ހުރި އިރެވެ. އަދި މިހާރު 14.60ރ. އަށް އަގު ބޮޑުވެފައިވާތީ ދަތުރުގެ އަގު ބޮޑުކުރިޔަސް ޕެޓްރޯލްގެ އަގު ހެޔޮ ވުމުން އަނެއްކާ ވެސް ދަތުރު އަގު ހެޔޮކުރަން މަޝްވަރާކުރާނެ ކަމަށް އޭނާ ބުނެ އެވެ. އެ ޑްރަައިވަރުން ގަބޫލުކުރާ ގޮތުގައި ދަތުރުތަކުގެ އަގު ހެޔޮކުރެވެން އޮތް އަނެއް ގޮތަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމެވެ. މީގެ ދެ އަހަރު ވުރެ ކުރިން ސަރުކާރުން ޓެކްސީތަކާއެކު އެގޮތަށް މަޝްވަރާކުރިޔަސް މިހާތަނަށް އެކަމުގައި އެއްބާރުލުން ނުލިބޭ ކަމަށް ”މިހާރު“ އާ ވާހަކަ ދެއްކި ޑްރައިވަރު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް