ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެތީ އޮރެންޖުން 🍊 ސަމާލު ކޮށްފި
ދެންމެ | 20 އޯގަސްޓް 2024

މިރޭ އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފިއެވެ.

މޫސުން ގޯސްވެ އެ އިދާރާއިން އޮރެންޖު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް މިރޭގެ 20:30 އިން 22:30އަށެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވާކަމަށެވެ.

މީގެ އިތުރުން މިރޭ މެޓުން ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ މިރޭ 08:15އިން ދަންވަރު 01:00އަށެވެ.

މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް ވެސް މިރޭ މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިދިޔަ ހަފުތާގައި ވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިފައެވެ. މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ ވެސް އުތުރުގެ ރަށްތަކަށް ކަމަށް މީގެ ކުރިން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން ހއ. އަތޮޅުން 20 ރިޕޯޓެއް އެންޑީއެމްއޭއަށް ހުށަހަޅާފައި ވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުވެ ވިއްސާރަ ކަމަށާއި ހުޅަނގު މޫސުން ޑިސެމްބަރާ ހަމައަށް ދިގުލައިގެން ދާނެ ކަމަށް އެ އިދާރާއިން މީގެކުރިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!