މިޔަރުގެ ވަގު ވިޔަފާރި އަށް ފުރުސަތެއް ނެތް: މިނިސްޓްރީ
ދެންމެ | 21 އޯގަސްޓް 2024

ލޭނު އަޅަން ހުއްދަ ދޭން ނިންމާފައި ވަނީ އެކަން މޮނީޓާ ކުރެވޭނެ ހަރުދަނާ ފިޔަވަޅުތަކާ އެކު ކަމަށާއި ލޭނު އެޅުމުގެ ތެރެއިން މިޔަރު ހިފައި އޭގެ ވަގު ވިޔަފާރި ހިންގުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަ ކަންނެލި އަދި ލޯބޮޑު ކަންނެއްޔާއި ހިބަރަށް އަމާޒު ކޮށްގެން ލޭނުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވައިލުމަށް ކެބިނެޓުން ނިންމައި، އެ ކަމަށް ހާއްސަ ގަވައިދެއް ވަނީ އެކުލަވާލައިފަ އެވެ.

ނަމަވެސް، ލޭނުގެ މަސްވެރިކަމުގެ ހުއްދަ ދޭން ނިންމާފައި ވުމުން ތިމާވެއްޓާ ގުޅޭ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލޭނުގެ މަސްވެރިކަމުގައި މިޔަރާއި އެހެނިހެން ބާވަތްތައް ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ މަސްތައް ގިނަ އަދަދަކަށް ”ބައިކެޗް“ ގެ ގޮތުގައި ހިފޭނެތީ އެވެ.

”ބައިކެޗް“ ގެ ގޮތުގައި ހިފޭ މިޔަރާއި މަސްވެރިކަމުގައި އަމާޒު ނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް ޕްރޮސެސް ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނިގޮތުގައި، މިޔަރު ބޭނުމަށް ހުއްދަދީ، އިތުރު އުފެއްދުމެއްގެ ގޮތުގައި ޕްރޮސެސް ކުރުމަކީ މިޔަރުގެ މާކެޓެއް އުފެދި ހަރުދަނާވުމަށް މަގުފަހިވެ، ރާއްޖެ އިން ބައިނަލްއަގްވާމީ ފެންވަރުގައި މިޔަރު ހިމާޔަތް ކުރުމަށް އަދާކުރާ ދައުރު ނިކަމެތިވާނެ ކަމެކެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބުނީ، ލޭނުގެ މަސްވެރިކަމާ ގުޅިގެން އެ މިނިސްޓްރީގެ ގާބިލްކަން އިތުރު ކުރަން ބަޖެޓް ހުށަހަޅާފައިވާނެ ކަމަށާއި މިހާރު ވެސް މިނިސްޓްރީގެ ކޮންޕްލަޔަންސް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

”އަޅުގަނޑުމެންގެ ކެޕޭސިޓީގައި އެބަހުރި ލޭނު މަސްވެރިކަން ކުރާ ގާތްގަނޑަކަށް ތިރީހަކަށް ބޯޓު މޮނީޓާ ކުރަން. އެ އަދަދު އިތުރުވާ ނަމަ ކެޕޭސިޓީ އިތުރު ކުރަން ޖެހޭނެ. އެކަމަށް ބޭނުންވާ ބަޖެޓް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް ވަނީ އަންގާފައި،“ މިނިސްޓްރީގެ އޮފިޝަލަކު ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

Kanneli emme ginain baanaa Uthuru gai leynu alhan hudhdha nudheyne: Ministry

އެ މިނިސްޓްރީން ބުނީ ”ބައިކެޗް“ ގެ ގޮތުގައި ބޭނޭ މިޔަރު ޕްރޮސެސް ކުރަން ހުއްދަ ދޭން ނިންމާފައި ވަނީ ކޮންޓްރޯލް އަދަދަކަށް ކަމަށާއި ޕްރޮސެސް ކުރަން ގެންނާނީ މާލެ ސަރަހައްދުގެ ބަނދަރުތަކަށް ކަމަށެވެ. އެ ތަންތަނަށް ގެންނަ މިޔަރުތައް މޮނީޓާ ކުރެވޭނެ ކަމުގެ ޔަގީން ކަން މިނިސްޓްރީން ދިނެވެ.

މިނިސްޓްރީން ގަބޫލުކުރާ ގޮތުގައި ”ބައިކެޗް“ ގެ ގޮތުގައި މިޔަރު ލޭނުގައި ޖެހޭނީ ގާތްގަނޑަކަށް ތިން ޕަސެންޓެވެ.

މިނިސްޓްރީން ބުނީ މިޔަރުގެ ވަގު ވިޔަފާރިއެއް ނުވަތަ ގަވާއިދާ ހިލާފަށް މިޔަރު ހިފައި އެ އިން ވިޔަފާރިކުރުމުގެ އަމަލުތައް ނުހިންގޭ ވަރަށް މިނިސްޓްރީން ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ލޭނުގެ މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދޭން ނިންމާފައިވަނީ ވަކި ޝަރުތަކެއް ފުރިހަމަވާ އުޅަނދުތަކަށެވެ. އެ އުޅަނދުތަކުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނީޓާކޮށް، ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިންސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިން ސިސްޓަމެއް ހަރުކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި، އުޅަނދުތައް ދަތުރުކުރާ ގޮތާއި މަސްވެރިކަމަށް ލޭނު އަޅަން މަޑުކުރާ ސަރަހައްދުތައް ޑިވައިސްތައް ބޭނުންކޮށްގެން ވަގުތުން މިނިސްޓްރީއަށް ބެލޭނެ އެވެ. އުޅަނދުތަކުގެ ޑެކްތައް ފެންނަ ގޮތަށް ކެމެރާ ހަރުކުރަން ޖެހޭނެ ކަން ވެސް މިނިސްޓްރީން ފާހަގަކުރި އެވެ. އެހެންކަމުން އުޅަނދުގައި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިނގާ ނަމަ، އެކަން މިނިސްޓްރީ އަށް އެނގޭނެ ކަމަށް ބުންޏެވެ. އެފަދަ އަމަލެއް ހިންގާ ނަމަ ހަރުކަށި ފިޔަވަޅުތައް އަޅަން ގަވައިދުގައި ވަނީ ހިމަނައިފަ އެވެ.

”އަޅުގަނޑުމެންނަށް 100 ޕަސެންޓް ޔަގީން ވާނެ އުޅަނދުގެ ޓްރެކް. އެތެރެވަރިއަށް އުޅަނދު ވަދެގެން އަންނައިރު އެއްވެސް ރަށެއްގައި ޖައްސާކަން ނޫނީ ނޫންކަން ވެސް އަޅުގަނޑުމެންނަށް އެނގޭނެ. އަންނަ މަގުމަތީ އެހެން އުޅަނދަކަށް މަސް ބަދަލު ކުރާ ކަން ވެސް ކެމެރާ އިން އަޅުގަނޑުމެންނަށް ބެލޭނެ. ޑެކް މަތީ އެއްވެސް އޮޕަރޭޝަނެއް ހިންގައިފި ނަމަ އެނގޭނެ،“ މިނިސްޓްރީން ބުންޏެވެ.

ލޭނު މަސްވެރިކަން މީގެ ކުރިން ކުރިއިރު، ގަވާއިދާ ހިލާފަށް އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރާ ކަން އީޔޫ އިން ހެދި އޮޑިޓުން ފާހަގަވެ، އެކަމާ ގުޅިގެން ސަރުކާރަށް އިންޒާރު ދިނެވެ. މިދިޔަ ސަރުކާރުން ލޭނު މަސްވެރިކަން ހުއްޓާލީ އެ އިންޒާރުތައް ލިބުމާ އެކު އެވެ.

ލޭނު އަޅައިގެން މިޔަރު ހިފައި އޭގެ ވަގު ވިޔަފާރިކޮށް، މިޔަރުގެ އުރަހަ ގަވައިދާ ހިލާފަށް ރާއްޖޭން ބޭރު ކުރާ ކަމުގެ ތުހުމަތު އޭރު އޮތެވެ.

މިނިސްޓްރީން ބުނީ ލޭނު އެޅުމުގެ ތެރޭގައި ”ބައިކެޗް“ ގެ ގޮތުގައި ހިފޭ މިޔަރު ޕްރޮސެސް ކުރަން އެއްގަމަށް ގެންނަން ޖެހޭނީ މިޔަރުގެ އުރަހައާ އެކު ކަމަށާއި އެހެންކަމުން ”ބައިކެޗް“ ގެ ގޮތުގައި ހިފޭ މިޔަރުގެ ބާވަތްތައް ވެސް މިނިސްޓްރީއަށް މޮނީޓާ ކުރެވޭނެ ކަމަށެވެ. ބައެއް ވައްތަރުގެ މިޔަރު ޕްރޮސެސް ކުރަން ހުއްދަ ނޯންނާނެ ކަން ވެސް ފާހަގަކުރި އެވެ. ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަކަށް ދޫކޮށްލަންވާނެ ކަމަށް ގަވައިދުގައިވެ އެވެ.

މިޔަރު ދޫކޮށްލާއިރު، ލިބޭ އަނިޔާ ކުޑަކުރުމަށް ބުޅި ބަހައްޓާ އާލާތް އަދި ލޭނުކޮޅު ބުރި ކުރާ އާލާތް ބޭނުންކޮށްގެން މިޔަރުގެ އަނގައާ ވީހާ ވެސް ކައިރިން ނަނު ބުރިކުރަން ގަވައިދުގައި ވަނީ އިރުޝާދު ދީފަ އެވެ.

”ބައިކެޗް“ ގެ ގޮތުގައި ހިފޭ މިޔަރު މަދު ކުރުމަށްޓަކައި އުޅަނދުގައި ބޭނުން ކުރާ ލޭނުކޮޅުގެ މިޔަވާލިގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ބޭނުން ނުކުރަން ވެސް އަންގާފައި ވެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނިގޮތުގައި، ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވަނީ ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގަ އެވެ. ލޭނު އަޅަން ހުއްދަ ދެނީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 100 މޭލު ބޭރުގެ ސަރަހައްދުގަ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ”ހައިސީ“ ގައި ވެސް ލޭނު އެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެންކަމުން ތިލަ ސަރަހައްދުތަކުގައި ރާއްޖޭގެ އެތެރޭގެ އުޅޭ މިޔަރަށް ލޭނު އެޅުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓްރީން ދެކެ އެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރީނދޫއުރަހަ ކަންނެލި ބޭނޭ މިންވަރު ނުވަތަ ކޯޓާގެ ގޮތުގައި ރާއްޖެ އަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ދީފައިވަނީ އަހަރަކަށް 47،000 ޓަނެވެ. ނަމަވެސް މިދިޔަ 10 އަހަރު ވެސް ރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލި ބާނާފައިވަނީ ގާތްގަނޑަކަށް 30،000 ޓެނެވެ. ލޯބޮޑު ކަންނެއްޔަށް އަހަރަކަށް ދީފައިވަނީ 2،000 ޓަނުގެ ކޯޓާއެކެވެ.

މިނިސްޓްރީން ބުނީ، ރާއްޖެ އަށް ދީފައިވާ ކޯޓާއާ އެއްވަރަށް ރީނދޫއުރަހަ ކަންނެލި ނުބާނާ ނަމަ އެ ކޯޓާ ކުޑަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ވާހަކަތައް ވެސް ދެކެވޭ ކަމަށެވެ. އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ކޯޓާތައް ކަނޑައަޅާފައިވަނީ ކަނޑުގެ ދިރުންތަކަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ ގޮތަށް ކަމަށާއި އެހެންކަމުން ކޯޓާއާ އެއް މިންވަރަށް މަސްވެރިކަން ކުރުމުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!