އަރަފާތު ދުވަސް: ހައްޖަކީ އަރަފާތެވެ.
ދެންމެ | 08 ޖުލައި 2022

މިއަދަކީ ބަރަކާތްތެރި ހައްޖު ދުވަހެވެ. މައްކާގެ މުގައްދަސް ބިންތަކުގައި ހައްޖުގެ އަޅުކަން އަދާކުރަމުން ގެންދާ މިލިޔަނެއްހާ ހައްޖުވެރިން ރޭ މިނާގައި ތިބުމަށް ފަހު ރޭފަތިހުން ފެށިގެން އެމީހުން މިހާރު ދަނީ އަރަފާތުގެ ބިމަށް ޖަމާވަމުންނެވެ.

ހައްޖުމަހުގެ 9 ވަނަ ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަކީ ހައްޖުގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ރުކުނެވެ. މިރުކުން ފުރިހަމަ ނުކޮށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ. މިރުކުން އަދާކުރުމަށްޓަކައި ހައްޖުވެރިން މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ތިބޭނީ އަރަފާތުގެ ބިމުގައެވެ.

އަރަފާތުގައި ހުންނަ މަސްޖިދުއް ނަމިރާގައި މިއަދުގެ މެންދުރު ނަމާދަށްފަހު ހައްޖުވެރިންނާ މުޚާތަބުކޮށް ދޭ ޚުތުބާގައި މުސްލިމުންނަށާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކާނެއެވެ.

މިއަދުގެ މުޅި ދުވަސް އަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު އިރުއޮއްސޭ ހިސާބުން ފެށިގެން ހައްޖުވެރިން ދާނީ އަރަފާތުގެ ކައިރީގައިވާ އެހެން ބިމެއްކަމަށްވާ މުޒްދަލިފާއަށެވެ. ހައްޖުވެރިން މިރޭ މުޒްދަލިފާގައި ތިބުމަށްފަހު މާދަމާ (އީދު ދުވަހު) ގެ ފަތިހުން ފެށިގެން ހައްޖުވެރިން ދެން އަވަސްވެގަންނާނީ އުޟްހިޔާ ކަތިލުމުގެ އަޅުކަން ފުރިހަމަ ކުރުމާއި، ފިރިހެނުން ބޯކޮށުން ނޫނީ ބޯ ބޭލުމަށާ އަދި ޖަމްރާތަކަށް ހިލައުކުމަށެވެ. އެއަށްފަހު އަނެއްކާވެސް މައްކާގެ ހަރަމްފުޅަށް ގޮސް ތަވާފުލްއިފާޟާ ނިންމުމުން ހައްޖުގެ އަޅުކަން ނިމޭނެއެވެ.

2020 ވަނަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ 10000 މީހުންނަށެވެ. އަދި މިދިޔަ އަހަރު އެ ފުރުސަތު ލިބުނީ 60000 މީހުންނަށެވެ. 2 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް މިލިއަނެއްހާ މީހުންނަށް ފުރުސަތު ލިބިފައިވާއިރު ރާއްޖެއިން 453 މީހަކު ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ.

ހައްޖުގެ ކަންކަން ހަރުދަނާ އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ސައުދީ ސަރުކާރުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހައްޖުވެރިންނަށް ބޭނުންވާ ކަންކަން ވަނީ ފަސޭހަ އިންތިޒާމެއްގެ ދަށުން ހަމަޖައްސާފައެވެ. ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުގެ މީހުންނާއި، އަދިވެސް ގިނަ އަދަދެއްގެ އެހީތެރިން ދަނީ ހައްޖުވެރިންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!