އިސްތިއުފާ ދިނުމުން ވެސް ޕީޖީ ސަމީމް މަގާމުން ވަކިކޮށްފި
ދެންމެ | 22 އޯގަސްޓް 2024

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކިކުރަން މިރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި ޝަމީމް އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެން، އެ ކަން ތަޅުމުން ފާސްކުރަން މިރޭ ޖަލްސާ ފެށުމާއެކު އޭނާ އިސްތިއުފާ ދެއްވައިފައެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

އެ މައްސަލަ ދިރާސާކުރީ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީއަށް މިއަދު ޝަމީމް ހާޒިރުކުރިއެވެ. އެކަމަކު، ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ހުށަހެޅުއްވުމަށް އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ޕީޖީކަމުގެ މަގާމުން ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ.

އެގޮތުން، ކޮމިޓީގައި ޖުމުލަ 11 މެންބަރުން ތިއްބަވާއިރު ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން އެކަންޏެވެ. ބަކީ އަށް މެންބަރުން ވޯޓުދެއްވީ ޝަމީމް ވަކިކުރާށެވެ.

އެ މައްސަލައާ ގުޅިގެން މިރޭ މަޖިލީހުގެ އިތުރު ޖަލްސާއެއް މިހާރު ކުރިއަށް ވެސް އެބަދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!