ފައްޔާޒުގެ އެސްއެމްއީ ލޯނުގެ ”ފުރިހަމަ ސަރުތު“ މިލިޔަނަކަށް ލައްކައެއް.
ދެންމެ | 01 އޮކްޓޯބަރ 2022

ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ލޯނު ދިނުމަށް އުފައްދާފައިވާ އެސްއެމްއީ (އެސްޑީއެފްސީ) ބޭންކުގެ އެންމެ ބޮޑު އަދި ފުރިހަމަ ސަރުތަކީ ނަގާ ލޯނުގެ ޕަސެންޓަކުން ’ކަޓު‘ ނުވަތަ ’ކޮމިޝަން‘ ގެ ގޮތުގައި ވަކި މިންވަރެއް ދިނުން ހެއްޔެވެ؟

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާލްގެ ހުރިހަމަ ބާރާއިއާރުގެ ތެރޭގައި ތާށިކޮށް ހިންގަމުންދާ އެސްއެމްއީ (އެސްޑީއެފްސީ) ބޭންކުން ލޯނުތައް ތަފާތު ދާއިރާތަކަށާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ކުރެވިފައި ވީނަމަވެސް އެލޯނުތައް ލިބެނީ ސިޔާސީ ގޮތުން އެމަނިކުފާނު ބޭނުންވާ ފަރާތްތަކަށްކަމަށް މައުލޫމާތު ލިބި އެވެ.

ތެދެކެވެ. ކޮންމެ ރައީސްއަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ ވަރަށް ގިނަ ގުނަ ހަރަދުތައް ކޮށް މުޅިންހެން އަތްމަތި ދޮވިގެންނެވެ. އެހެންވުމުން ވެރިކަމަށް ވަޑައިގެން ކޮންމެ ’ސިޔާސީ ކަލްޓެއް‘ ހިންގުމަށް ވެސް ފައިސާ އާއި ނުފޫޒު އިންތިހާއަށް ބޭނުން ވެއެވެ. އެހެންކަމުން އަލުން އަބުރާ ވެރިކަމަށް އައުމަށް ކޮންމެ ވެސް ދިމާއަކުން މިދެންނެވި ސިޔާސީ ހަރަކާތް ހިންގުމަށް ފައިސާ ބޭނުންވެ އެވެ. ބައެއް ފަހަރު ވިޔަފާރިވެރިން ފެލާލަނީ އެވެ.

އެސްއެމްއީ ބޭންކަކީ މިދެންނެވި ސިޔާސީ ހަރަކާތް ’ސިޔާސީ ކަލްޓް‘ ހިންގުމަށް ބޭނުން ވާ ފައިސާ ހޯދަން ބޭނުން ކުރާ އެއް މެސެނު ކަމަށް ވެސް ރަށުތެރޭގައި ވާހަކަ ދެކެވެ އެވެ.

އެސްއެމްއީ ބޭންކަށް ލޯނަކަށް އެދުނު ފަރާތްތަކަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯނަށް ބޭނުންވާ ހުރިހާ ސަރުތުތައް ޑޮކްމެންޓޭޝަނުން ހަމަވި ނަމަވެސް ފުރިހަމަ ކުރަންޖެހޭ ހާއްސަ އެހާމެ މުހިއްމު ސަރުތެއް ވެއެވެ. އެއީ ނަގާ ކޮންމެ މިލިޔަނަކަށް އެކޮޅުން ބުނާ ވަކި ފަރާތަކަށް ދޭންޖެހޭ އެއްލައްކަ ރުފިޔާގެ ޑޭޓަޑް ޗެކެވެ. އަދި ލޯމު ޖަމާވާ އެކައުންޓުން އެ ޗެކް ދިނުން އިންތިހާއަށް ލާޒިމެވެ.

“ އަޅުގަނޑު އެދުނީ 5 މިލިޔަން ރުފިޔާގެ ލޯނަކަށް، ހުރިހާ ޑޮކްމެންޓޭޝަނެއް ހަމަވެ، ހުރިހާ ކަމެއް ނިމިފައި ވަނިކޮށް ކުއްލިއަކަށް ލޯނުގެ ކަންކަމާ މުއާމަލާތް ކުރި ފަރާތުން ގުޅާފަ ބުނަނީ ނަގާ ކޮންމެ މިލިޔަނަކަށް އެއްލައްކަ ރުފިޔާގެ ޑޭޓަޑް ޗެކް ދިނީމައޭ ލޯނު ޕްރޮސަސް ކުރެވޭނީ.“ އޭނާ ކިޔައިދިނެވެ.

އެސްއެމްއީ ބޭންކުން ލޯނުދޭ ފަރާތްތަކުގެ އަތުން ކަނޑައެޅިފައިވާ ވަކި ޕަސެންޓެއް ނަނގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެސްއެމްއީ ބޭންކުން އިންތިހާއަށް ކަރަޕްޝަނާއި ވައްކަން ކުރަމުންދާ ކަމަށާއި އެމަނިކުފާނަށް އެކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ސައްކެއްނެތެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިހާބެވެ. ކެމްޕޭން ހަރަދުތަކާއި އެހެންވެސް ހަރަދުތަކަށް އިންތިހާއަށް ފައިސާ ބޭނުންވާނެ އެވެ. ހާއްްސަކޮށް ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ފެކްޝަން ތަޅާފޮޅުން އިންތިހާއަށް ބޮޑުވެފައިވާއިރު، ކޮންމެ ފެކްޝަނަކުން ވެސް އެފެކްޝަނެއްގެ ބާރާއި ނުފޫޒު ދެމެހެއްޓުމަށް އިންތިހާއަށް ފައިސާ ބޭނުންވާނެ އެވެ. އެހެންނަމަވެސް ކަންމަތީ ފިހާރ ހިންގާ ދައިތަ އާއި މާރުކޭޓް ގޮޅި ހިންގާ ބޭބެއަށް ދޫކުރާ އެސްއެމްއީ ލޯނުން ’ކަޓު‘ ނެގުން ހުތުރު ނޫން ތޯ އެވެ!!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!