ދޮގު ހަދާ ބައިވެރިންނާއި ދުރުވޭ!
ދެންމެ | 23 އޯގަސްޓް 2024

ދޮގު ހެދުމަކީ އެމީހަކު ދެކެ އެންމެން ވެސް ފޫހިވާ ކަމެކެވެ. އަދި ދޮގު ހެދުމަކީ އެމީހަކަށް ކުރާ އިތުބާރު ވެސް ގެއްލޭ މީހުންގެ މެދުގައި ބޮޑެތި މައްސަލަތަށް ވެސް ޖެހޭ ކަމެކެވެ.

އެއްވެސް ކަހަލަ ގުޅުމެއްގައި ދޮގު ހެދުމުގެ އާދަ އޮވެއްޖެ ނަމަ އެގުޅުމެއް ހީނަރުވެދެއެވެ. އެއީ ރަހުމަތްތެރިން ކަމުގައި ވިޔަސް އޮފީހުގެ ކޮލީގުން ކަމުގައި ވިޔަސް އާއިލީ ތިމާގެ މީހެއް ކަމުގައިވިޔަސް މައިން ބަފައިން ކަމުގައިވިޔަސް ދެމަފިރިން ކަމުގައި ވިޔަސް އަދި ލޯބިވެރިން ކަމުގައި ވިޔަސް މެއެވެ.

ދިރިއުޅުމުގައި އަންނަ ހާލަތުގެ ސަބަބުން ގޮތް ނިންމަން ނޭނގި ހުންނަންޖެހޭ އެތައް ހާލަތެއް ކުރިމަތިވެއެވެ. ނަމަވެސް މިއީ ތިމާ ދޮގު ހެދުމަށް ދެއްކޭނެ ބަހަނާ އެއް ނުވަތަ އުޒުރެއް ނޫނެވެ. ދޮގު ގެ ސަބަބުން އެ ދިރިއުޅުމަކައިގެން އިތުރަށް ކުރިއަށް ނުދެވޭނެ ހާލަތްތައް އަންނާނެކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ.

އަދި ގުޅުމެއްގެ މެދުގައި ދޮގު އާންމު ވެއްޖެނަމަ އެގުޅުމެއް ކުރިއަށް ދިއުމުގެ ބަދަލުގައި އެގުޅުމެއް ނިމުމަކަށް އައުމަކީ ނުވެ ނުދާނެ ކަމެކެވެ. އަދި އެއްފަހަރު ދޮގެއް ހަދައިފި ނަމަ އިތުބާރުގައި ރެދުލައެވެ.

ގުޅުމަށް އެތައް ދުވަހެއް ވާހިސާބުން ދިރިއުޅުމާ ގުޅިފައިވާ ކަމެއްގައި ބައިވެރިޔާ ދޮގުހަދާކަން ނޫނީ އޮޅުވާލާ، ސިއްރުކުރާކަން އެގުމުން އަވަހަށް ވާހަކަ ދައްކާ އެވަރު ކަމެއް ކުރި ބޭނުން އޮޅުން ފިލުވަންވާނެއެވެ. އަދި އެކަމުން ތިމާއަށް އަސަރު ކުރި ގޮތާއި އެހެންމީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓުނުވަރު ހާމަކޮށްދީ އެކަން އެހެން ތަކުރާރު ނުކުރަން ހަދާންކޮށްދޭން ޖެހޭނެއެވެ.

އަދި ގެއްލުނު އިތުބާރު އަލުން ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އެކި ކަންކަމާ ސުވާލުކުރުމުން ހަދަނީ ދޮގުކަން އިހުސާސްވެ ނޫނީ ސާބިތުވާނަމަ އެއީ ދިރިއުޅުން ކުރިއަށް ނުގެންދެވޭނެ ކަމުގެ އަލާމާތެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!