މިވަގުތު ރާއްޖެ އަށް ނިޕާ ވައިރަސްގެ ނުރައްކާ ކުޑަ: އެޗްޕީއޭ
ދެންމެ | 28 ޖެނުއަރީ 2026

އިންޑިއާގެ ވެސްޓް ބެންގާލުން ނިޕާ ވައިރަސްގެ ކޭސްތަކެއް ފެނިފައިވީ ނަމަވެސް، މިވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނީ މި މަހުގެ ތެރޭގައި ވެސްޓް ބެންގޯލްއިން ނިޕާ ވައިރަސްގެ ތިން ކޭހެއް ފެނުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި، އިންޑިއާގެ ހާލަތު އެ އެޖެންސީން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ވެސްޓް ބެންގޯލަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުން މުހިންމު ކަމަށްވެސް އެ އެޖެންސީން ވަނީ ލަފާދީފައެވެ. ނިޕާ ވައިރަސްއަކީ ޓެރޯޕަސް އާއިލާގެ ވާލުންނާއި، އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެއްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

ވެސްޓް ބެންގޯލްއިން ބައްޔަށް ޕޮޒިޓިވްވި މީހުންނާ ގުޅިގެން 180 އަށްވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. ނަމަވެސް، އިންޑިއާގެ އެހެން އެއްވެސް ސަރަޙައްދަކުން ނުވަތަ އެހެން ޤައުމަކުންވެސް މި ބަލި ފެނިފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށާއި، ރާއްޖެއިންވެސް މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ކޮންޓެކްޓެއް ރިޕޯޓްކޮށްފައިނުވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ނިޕާ ވައިރަސް ޖެހުމުން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުމާއި، ކަރުގައި ރިއްސުމުގެ އިތުރުން ނޭވާލާން އުނދަގޫވުން ހިމެނެއެވެ. ބަލި ބޮޑުވަމުންދާ ވަރަކަށް ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުމާއި ފިޓިޖެހުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މި ބަލި ޖެހުމުން އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތް ނަމަވެސް، ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރެވޭނެ ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!