މެންބަރުންގެ އަދަދު ހަމަ ކުރުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އަށް ދިން މުއްދަތުގެ ތެރޭގައި 3000 މެންބަރުން ހަމަ ކުރުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން އެ ޕާޓީއަށް މިއަދު ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ހަމަވާން ޖެހެއެވެ. ނަމަވެސް އެ އަދަދަށް މެންބަރުން ހަމަނުވާތީ ހަތަރު ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިނެވެ. އެއީ ރާއްޖޭގައި ދެވަނައަށް އުފެއްދި ޕާޓީ — ޑީއާރްޕީ އާއި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމް އާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.
އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދިންއިރު ޑީއާރްޕީގެ ރަޖިސްޓްރީގައި އޮތީ 2269 މީހުންނެވެ. އެމްއާރްއެމްގެ ރަޖިސްޓްރީގައި އޮތީ 2280 މީހުންނެވެ. އަދި އެމްޓީޑީގެ ރަޖިސްޓްރީގައި 2457 މީހުން ތިބިއިރު އެމްއެލްއެސްގެ ރަޖިސްޓްރީގައި އޮތީ 2691 މެމްބަރުންނެވެ. ކޮމިޝަނުން ދިން މުއްދަތުގައި ހުރިހާ ޕާޓީތަކުންވެސް ވަނީ 3،000 ހަމަ ކުރުމަށް ފޯމް ހުށައަޅާފައެވެ.
އެ ފޯމްތައް ކޮމިޝަނުން ދަނީ ސައްހަތޯ ބަލަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މެންބަރުންގެ އަދަދު ހަމަ ކުރުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އަށް ދިން މުއްދަތުގެ ތެރޭގައި 3000 މެންބަރުން ހަމަ ކުރުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން އެ ޕާޓީއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެމްއާރްއެމްއަށްވެސް ވަނީ އެ ލިޔުން ކުރީން ފޮނުވާފައެވެ. ދެން އޮތް ދެ ޕާޓީން ހުށައެޅި ފޯމްތަކުގެ ސައްހަކަން ދަނީ ބަލަމުންނެވެ.
މި ހަތަރު ޕާޓީގެ ތެރެއިން އެމްޓީޑީ މިވަގުތު ފެންނަނީ ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައެވެ. ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއާ ދަނީ ގުޅެމުންނެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ތިބުމުން މިއަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީ އަކަށް ފައިސާ ވެސް ދީފައިވެ އެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.