ދެމަފިރިން އުފަލުގައި ދިރިއުޅެން ބޭނުން ތަ!
ދެންމެ | 25 އޯގަސްޓް 2024

ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ ވީހައި އުފަލުގައި ދިރިއުޅޭށެވެ! ސުވާލަކީ އެކަމަށް އެދޭއިރު ތިމާމެން ދިރިއުޅެމުން ގެންދަނީ ﷲ ތަޢާލާ އެންގެވި ގޮތަށް ހެއްޔެވެ؟ ތިމާމެންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެބަ އަދާކުރަމު ހެއްޔެވެ؟

އަބަދުވެސް ބުނާ ފަދައިން ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކަށް ވާންޖެހޭނީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުމަށް އެކަކު އަނެކަކަށް ވާގިވެރިވެ ހިތްވަރުދިނުމެވެ. އެހީތެރިވުމެވެ. އެހެން ހުރިހާ ބޭނުންތަކެއް އަންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ.

އެގޮތުން ބަލައިފިނަމަ އެކުގައި އަޅުކަން ކުރުމާއި ދުޢާކުރުމަކީ އެންމެ މުހިންމުކަންތަކެވެ. މީގެމާނައަކީ އަބަދު ދެމަފިރިން އެކުގައި އަޅުކަންކުރަން ތިބުމެއް ނޫނެވެ. ވަގުތުވީވަރަކަށް އެކަން ކުރާށެވެ! ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެކުގައި ތިބެގެން އަޅުކަންކުރުން ގިނަކުރާށެވެ! މީގެ އިތުރުންވެސް އަމިއްލަ ދިރިއުޅުމުގެ ތެރެއިން ކުރެވޭނެ އަޅުކަން ބައިވަރެވެ!

މިސާލަކަށް އަނބިދަރިންނަށް ބޭނުންވާތަކެތި އެމީހަކަށް ލިބުނު ވަރަކުން ގެއަށް ވައްދައިދިނުމަކީ އަޅުކަމެކެވެ. ދިރިއުޅުމަށް ކުރަން ޖެހޭ ޚަރަދުތައް އިޤްޠިޞޯދުކުރުމަކީވެސް އަޅުކަމެކެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދަރިން ބަލައި ތަރުބިއްޔަތު ކުރުމަކީވެސް މަތިވެރި އަޅުކަމެކެވެ. މިއިން ކޮންމެ ކަމަކީވެސް ކޮންމެހެން ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫނެވެ. ދެމަފިރިންނަށްވެސް ކުރެވޭނެ ކަންކަމެވެ. ދެމަފިރިންނަށް އެކުގައިވެސް ކުރެވޭނެ ކަންކަމެވެ.

އަދިކީއްހެއްޔެވެ؟ އެކަކު އަނެކަކަށް ވަފާތެރިވެ ލޯބިދީގެން ދިރިއުޅުމަކީވެސް އަޅުކަމެކެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ދިރިއުޅެން ކުރާ ކޮންމެ ކަމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.

ނިކަން ބުނެބަލާށެވެ! މިކަންކަން ދެމަފިރިން ކުރަމުހެއްޔެވެ؟ ދެމަފިރިން ދިރިއުޅެން ﷲ އެންގެވި ގޮތަށް އުޅެމުންދާނަމަ ހިތާމައިގަ ތިބި އެންމެ ދެމަފިރިއަކުވެސް ނިކަން ދައްކައިބަލާށެވެ! މިބިންމަތީގައި އެފަދަ އެއްވެސް ދެމަފިރިއަކުވެދާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ! ފަހަރެއްގައި ފަޤީރު ޙާލުގައި އުޅެންޖެހޭ ބައަކު އުޅެފާނެއެވެ! ނަމަވެސް އެއީ ﷲ ތަޢާލާ ކުރިމަތި ކުރައްވަވާ އިމްތިޙާނެއް ކަމާއި އަދި އެއީ ސުވަރުގެ ވަދެވުމަށް ފަސޭހަ މަގެއް ކަމަށް ވިސްނާ ދެމަފިރިން ތިބޭނީ ފަޤީރު ޙާލުގައިނަމަވެސް ހަމަ ވަރަށް އުފަލުންނެވެ.

ޚުލާޞާޢަކީ ކޮންމެ މީހަކުވެސް ދުނިޔޭގައި އުޅެންވީގޮތް ﷲ ތަޢާލާ ވަނީ ކަނޑައަޅުއްވަވައި ބަޔާންކޮށްދެއްވަވައިފައެވެ. އެކަނި ހުންނައިރު އުޅެންވީ ގޮތާއި ކައިވެނިކުރުމަށްފަހު ދެމަފިރިން އުޅެންވީ ގޮތްވެސް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ކޮންމެ މުސްލިމަކަށްވެސް އެކަންކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެންކަމާއިއެކުވެސް ކައިވެނީގެ ޚުޠުބާތަކުގައި އެކަންކަން ވަރަށް ސާފުކޮށް ކިޔައިދެއެވެ. ވީމާ އެކަންކަމަށް ޢަމަލުކުރާށެވެ! އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!