ދިރާގް ޓީވީގެ ހުރިހާ ހިދުމަތެއް އެސްއެސް ނެޓްވޯކަށް ބަދަލު ކޮށްފި
ދެންމެ | 26 ޑިސެމްބަރ 2022

މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ މަސައްކަތް، އެސްއެސް ނެޓުން ވަރަށް އަވަހަށް ފަށާއިރު މިހާރު ދިރާގުގެ ކަސްޓަމަރުން އެ ޚިދުމަތަށް ބަދަލުވާން ފަސޭހަ ވާނެ ކަމަށް، އެ ކުންފުނިން މިއަދު ބުނެފިއެވެ.

ދިރާގުޓީވީ އާއި ދިރާގުޕްލޭއާ ގުޅޭ އެންމެފަހުގެ ނިންމުން އިއުލާނު ކުރުމަށް އެ ކުންފުނިން ހޮނިހިރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް ނިންމައިފައިވާ ކަމަށެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އެސްއެސް ނެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދޭން ފަށާ ކޭބަލް ޓީވީގެ ޚިދުމަތުގައި ދިވެހީން މިހާރު ބަލަމުން އަންނަ އާއްމު ޗެނަލްތަކުގެ އިތުރުން ރާއްޖެއަށް މުޅިން އާ ޗެނަލްތައް ވެސް ފެންނާނެ ކަމަށެވެ.

”އެސްއެސް ނެޓްގެ ޕެކޭޖްތަކާއި އަގުތައް ވަރަށް އަވަހަށް އިއުލާން ކުރުމަށް މިދަނީ ތައްޔާރުވަމުން. އެސްއެސް ނެޓްގެ އަގުތައް ހުންނާނީ ރާއްޖޭގެ އާންމު އަގުތަކުގެ ނިސްބަތުން ހެޔޮ އަގުގައި،“ އެ ބަޔާނުގައި ވެއެވެ.

އެސްއެސް ނެޓްގެ ޚިދުމަތަށް އެދޭނެ ގޮތުގެ ތަފްސީލް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެސްއެސް ނެޓްގެ ޚިދުމަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވާއިރު އެ ޚިދުމަތް މެނޭޖް ކުރާނީ، ސަން ސިޔާމް މީޑިއާއިންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!