ބިންނާނެ މީހަކު ނެތި، ހުޅުމާލޭ ގަސްތަކުން ދަނބުތައް އޮހެނީ!
ދެންމެ | 26 އޯގަސްޓް 2024

ކޮންމެ އަހަރެއްގެ އޮގަސްޓްމަސް ފާހަގަކުރެވެނީ ހުޅުމާލެއަށް ދަނބު މޫސުން އަންނަ ދުވަސްވަރުގެ ގޮތުގައެވެ. މިގޮތުން މިއަހަރުވެސް އޮގަސްޓްމަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ހުރި ދަނބުގަސްތައް ފުރެންދެން އެހެރީ ދަނބު އަޅައިފައެވެ. ގަސްކައިރިން ދާއިރުވެސް ދުވަނީ ދަނބުގެ މީރު ވަހެވެ. ކާހިތްވާނެއެވެ. އެކަމަކު ބައެއް ގަސްތައް ހެދިފަހުރި އުސްކަމުން އެގަސްތަކުން ދަނބު ބިނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.

އަރައިގެން އައި އިރާއެކު ހިތްގައިމު ހުޅުމާލޭގެ މަގުތަކުން ހިތްހަމަޖެހުން ހޯދުމަށް ސައިކަލު ބުރެއް ޖަހާލިއިރު ފެނުނީ ތަފާތު މަންޒަރެކެވެ. ގިނަ ގަސްތަކާއި ދިމާ ބިންމަތި އެއްކުލައަކުން ފަވާލެވިފައިވަނީ ފައިބައިފަހުރި ދަނބުތަކުންނެވެ. އެވަގުތުވެސް ދިވެހި ދެމަފިރިންތަކެއް ގަހެއް ކައިރީގައި ދަނބު ބިންނަން އުޅުނެވެ. އެކަމަކު ގިނަ ގަސްތަކުގައި ހުރި ދަނބުތައް ވަޔާއެކު ބިންމައްޗަށް ފައިބާ މަންޒަރު ބަލަން ހުރުން ނޫން އިތުރު ގޮތެއް ނެތެވެ. އެގަސްތަކަށް އެރުމަކީ ވެސް އެހާ ރައްކާތެރިކަމެއް ނޫންވިއްޔާއެވެ. މީގެކުރިން ބައެއް ރަށްރަށުގައި ހުރި ގަސްތަކަށް ދަނބު ބިންނަން އަރައިގެން އުޅެނިކޮށް ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގައިފައިވެއެވެ.

މީގެ ކުރީގެ އަހަރުތަކުގައި ދަނބުމޫސުން ތަފާތެވެ. އެއިރު ހުޅުމާލޭގެ ގިނަ ގަސްތަކުން ފެންނާނީ ބިދޭސީން ދަނބު ބިންނަން އުޅޭ މަންޒަރެވެ. އެމީހުން އެއިރު ދަނބު ކޮތަޅެއް ވިއްކައި އުޅުނީ 50 ރުފިޔާއަށެވެ. އެންމެ ގިނަ އަދަދަކަށް ދަނބު ވިއްކަން ތިބެނީ ބުރިޖަށް ދާއިރު އޮންނަ ބޮޑު މަގުގައެވެ.

ދަނބުކާއިރު ވިސްނަންވީ ކަންތައް:

ވަރަށް ގިނައިން ފަނި އަޅާފައި ހުންނަ ދަނބު ފެނެއެވެ. މިފަދަ ދަނބުތަކުގައި ލޯވަޅުހެދިފައި ހުރެއެވެ. އެހެންވުމުން ކިތަންމެ ކާހިތްވިއަސް ދޮވެގެން ރަނގަޅަށް ބެލުމަށްފަހު ނޫނީ ނުކާށެވެ.

ދަނބު ފުރަތަމަ ހުންނާނީ ފެހިކުލައިގައެވެ. އެއަށްފަހު ރަތްކުލައަށް ބަދަލުވެ ރަނގަޅަށް ދޮންވުމުން ދަނބުކުލައަށް ބަދަލުވެއެވެ. ދަނބު މިއީ ވަރަށް މީރު ހުތްފޮނިރަހައެއްދޭ މޭވާއެކެވެ. އިނގިރޭސިން ކިޔަނީ ”ޖާވާ ޕްލަމް“ އެވެ. މިއީ ކެއުމުގައި ބޭނުންކުރުމަށް ފައިދާހުރި މޭވާއެކެވެ. ދަނބުން ޖޭމްވެސް ތައްޔާރު ކުރެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!