ރާއްޖޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ބޭންކު މެދުވެރިކޮށް ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭގެ ގަވާއިދަކަށް މި ހަފުތާގެ ތެރޭގައި ބަދަލު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، މަރުކަޒީ ބޭންކުގެ ރެގިއުލޭޝަންތަކަކަށް ބަދަލު ގެންނަން އެ ބޭންކުން ބޭނުންވާތީ ސަރުކާރުގެ މަޝްވަރާ މިހާރު ދީފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ހިތްވަރު ލިބޭ ގޮތަށް ބައެއް ރެގިއުލޭޝަންތަކަށް ބަދަލު ގެންނަން އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ. އެއީ އެމްއެމްއޭގެ ރެގިއުލޭޝަނާއި މަނީ ޗޭންޖާސް ރެގިއުލޭޝަން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބޭރު ފައިސާ އިން އާމްދަނީ ލިބޭ ކުންފުނިތަކުން މިހާރު ވަރަށް ގިނަ އަދަދަކަށް ބްލެކްމާކެޓުން އެ ފައިސާ މާރުކުރާ ކަމަށާއި އެކަމަކު އެމްއެމްއޭގެ ރެގިއުލޭޝަނަށް ގެންނަ ބަދަލާ އެކު ބޭންކު މެދުވެރިކޮށް މާރުކުރަން މަޖުބޫރު ވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ ބަދަލާ އެކު ވަރަށް ގިނަ މީހުން އެ މަނިކުފާނު ދެކެ ރުޅި އަތުވެދާނެ ކަމަށާއި އެކަމަކު ހުންނަވާނީ ”ރައްޔިތުންގެ ފަޅީގައި“ ކަމަށެވެ.
ރައީސް ވިދާޅުވީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓާއި ބިޒްނަސް ޕްރޮފިޓް ޓެކްސް އަށް ހާއްސަކޮށް އެމްއެމްއޭ އިން ހަދާފައިވާ ރެގިއުކޭޝަން ވެސް ބަދަލު ކުރާނެ ކަމަށެވެ. އެ ބަދަލު ކުރާނީ ވެސް އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަންނަ އެކި ކަހަލަ ފޮރިން އިންވެސްޓްތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކުގައި ހިފަހައްޓަން ހިތްވަރު ލިބޭ ގޮތަށެވެ.
”އޭގެ ސަބަބުން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ރާއްޖޭގައި ޑޮލަރު ގިނަ ދުވަސް ވަންދެން ހިފެހެއްޓިގެން ދާނެ. އެ އިން ވެސް ފައިދާ ކުރާނީ ރާއްޖެ އަށް. މި ހިނގާ މަނީ އެކްސްޗޭންޖުތައް ވެސް އޭރުން ބޭންކިން ނިޒާމާ ގުޅިފައި އޮންނާނީ. ބޭންކުތަކުން ދާނީ ގާތުން ބަލަމުން. އޭރުން މިދާ ހައި ރޭޓުތައް [ޑޮލަރު ރޭޓް] އަރައިގެން ނުދާނެ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ކަންކަމަށް ވަގުތު ނަގާނެ ކަމަށާއި އެންމެ ބޮޑު ގޮންޖެހުމެއް އަންނަނީ ކަންކަމަށް އަމަލު ކުރަން ފެށުމަށް ކަމަށެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީ ވެސް ޑޮލަރުން ބަލައި ގަންނަ ގޮތަށް ގަވާއިދު އިސްލާހު ކުރާށެވެ. އަދި އެ ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ހަމަޖައްސާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
”މި ކަހަަލަ ކަންތައްތައް ކުރީމާ ހިތްހަމަނުޖެހޭ ބަޔަކު ވެސް އުޅޭނެ. ކޮންމެ ގޮތެއް ވިޔަސް އެންމެން ހިތްހަމަ ޖެއްސޭނެ އެެއްވެސް ގޮތެއް ނޯންނާނެ އެއްވެސް ކަމެއްގައި. އެހެން ނަމަވެސް އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް،“ އެ މަނިކުފާނު ވިދާޅުވި އެވެ.