257 ތަން ރެއިޑްކޮށް، 3،322 ބިދޭސީން ޑީޕޯޓްކޮށްފި
ދެންމެ | 27 އޯގަސްޓް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އެކިއެކި މައްސަލަތަކުގައި 3،322 ބިދޭސީއަކު ޑީޕޯޓް ކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ބިދޭސީންނާ ގުޅުން ހުރި 257 ތަނެއް ރެއިޑްކޮށްފަ އެވެ.

ޑީޕޯޓް ކޮށްފައިވާ ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ މީހުން ވެސް މިދިޔަ ނުވަ މަސް ތެރޭގައި ރާއްޖެ އިން ޑީޕޯޓްކުރި އެވެ.

އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި ވަނީ މާލޭގައި ނުތާހިރުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ބައެއް ބިދޭސީން ވެސް އަތުލައިގަނެ އެ މީހުން ހިދުމަތް ދޭ ތަންތަން ވެސް ބަންދުކޮށްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ހައްލެއް ހޯދުމަކީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް ވާތީ އެ ކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވަނީ ވިދާޅުވެފަ އެވެ.

މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން މިހާތަނަށް ހިންގާ އެންމެ ފުޅާ އޮޕަރޭޝަނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!