ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު ހޮވަން ހާއްސަ އާންމު ޖަލްސާއެއް ބާއްވަނީ
ދެންމެ | 27 އޯގަސްޓް 2024

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވަން ހާއްސަ އާންމު ޖަލްސާއެއް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން އެ ބޭންކުން މިއަދު ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ ހާއްސަ އާއްމު ޖަލްސާއެއް ބާއްވަނީ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވަން ފިނޭންސް މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާތީކަމަށެވެ.

މި ޖަލްސާ އަންނަ މަހުގެ 21ގައި ބާއްވަން ބީއެމްއެލުން ވަނީ ނިންމާފައެވެ. އަދި އެދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެސް ވަނީ ހަމައެކަނި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވުން ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

މިޖަލްސާގައި ބައިވެރިވެވޭނީ 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ހިއްސާދާރުންނަށްކަމަށް ބޭންކުން ބުނެއެވެ. އަދި މި ޖަލްސާ އަކީ އޮންލައިންކޮށް ބާއްވާ ޖަލްސާއެއްކަމުން، މި ޖަލްސާގައި ވޯޓުލުން ކުރިއަށް ގެންދެވޭނީ ”ފަހިވޯޓް“ މެދުވެރިކޮށްކަމަށާއި ރަޖިސްޓަރީ ކުރާ އެންމެހާ ހިއްސާދާރުންނަށް ”ފަހިވޯޓް“ ގެ ލޮގިން ތަފްސީލު ފޮނުވާނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ ބޯޑަށް މެމްބަރު ހޮވުމަށް ޖަލްސާއެއް މި ބާއްވަނީ އެ ބޯޑުގައި އިންނެވި އައިޝަތު ނޫރައްދީން އިސްތިއުފާދެއްވައިފައިވާ ވަގުތެއްގައެވެ. އަދި ބޭންކުގެ ކާޑުތަކުން ޑޮލަރު މުއާމަލާތުކުރެެވޭ އަދަދުތަކަށް މިދިޔަ އާދިއްތަ ދުވަހު ގެނައި ބަދަލަކީ މާލީ ބަގާވާތެއްކަމަށް ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ސަރުކާރުގެ ފަރާތުން އައްޔަން ކުރާ ހަތް މެމްބަރުންނައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނު ކުރާ ތިން މެމްބަރުންނާއި ސަރުކާރުން ނަން ހުށަހަޅައިގެން އައްޔަނު ކުރާ މިނިވަން މުސްތަގިއްލު އެއް މެމްބަރުގެ މައްޗަށެވެ. ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ތިބީ އަށް މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!