ޕާޓީ ބޮޑު ކުރުމުގެ އަމާޒުހިފައި އެމްޓީޑީ އިން އައު އޮފީހެއް ހުޅުވައިފި
ދެންމެ | 16 އޯގަސްޓް 2023

މެމްބަރުން ގިނަ ކޮށް ޕާޓީ ބޮޑު ކުރުމުގެ އަމާޒުހިފައި އެމްޓީޑީ އިން އައު އޮފީހެއް ހުޅުވައިފިއެވެ.

ރޭ ހުޅުވާފައިވަނީ އެމްޓީޑީގެ ދެވަނަ އޮފީހެވެ. އެމްޓީޑީ އަކީ ރައީސް ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމްގެ ދައުރުގައި ނައިބު ރައީސް ކަން ކުރެއްވެވި އަޙްމަދު އަދީބު އުފައްދަވައިފައިވާ ޕާޓީއެކެވެ.

މިވަގުތައް ޤާނޫނީ ޢަދަދު ކަމަށްވާ 3000 މެމްބަރުން ހަމަވާ އެމްޓީޑީ އިން ރޭ ބުނެފައިވަނީ އެޕާޓީގެ އަމާޒަކީ 2028 ވަނަ އަހަރަށް އެޕާޓީގެ މެމްބަރުންގެ ޢަދަދު ދިހަ ހާހަށް ހެދުންކަމަށެވެ. ރޭ ޕާޓީގެ ދެވަނަ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޕާޓީއިން ބުނީ އައު އޮފީހެއް ހުޅުވުމުގެ ބޭނުމަކީ ޕާޓީ ބޮޑުކޮށް ފުޅާ ކުރުން ކަމަށެވެ.

އެމްޓީޑީ ގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ރީކޯ މޫސާ މަނިކެވެ.

މި ރަސްމިއްޔާތުގައި މޫސާ މަނިކުވެސް ވާހަކަ ދައްކަވައިފައިވެއެވެ. މޫސަގެ ވާހަކައިގައި އެމްޓީޑީގެ މެމްބަރުންނަށް ގޮވާލައިފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ދިނުމަށެވެ.

އެރަސްމިއްޔާތުގައި އެޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި ފަރާތްތަކުން ވަނީ އެޕާޓީ އިން ރައީސް ޞާލިޙަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. އަދި އެޕާޓީގެ މޭސްތިރިޔާ ކަމަށްވާ އަޙްމަދު އަދީބު ސިޔާސީ މައިދާނުން ފެންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!