ޕޮގްބާ އަނެއްކާ ވެސް އިޓަލީގެ ޔުވެންޓަސް އަށް
ދެންމެ | 24 ޖޫން 2022

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ދެވަނަ ފަހަރަށް ހިލޭ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވުމަކަށް އާދެވިފައި ވާކަން ހާމަވެއްޖެ އެވެ.

ޔުވެންޓަސް އާއެކު މެޑިކަލް ފުރިހަމަކޮށް، އެއްބަސްވުމުގައި ސޮއިކުރުން ޖުލައި މަހުގެ ކުރީކޮޅަށް ހަމަޖެހިފައި ވާކަން އިޓަލީގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓް ކޮށްފައި ވާއިރު، ޕޮގްބާ ހޯދަން މެންޗެސްޓާ ސިޓީ އިން ވެސް މަސައްކަތް ކުރި ކަމަށް އޭނާ ބުނެ އެވެ.

މެންޗެސްޓާ ސިޓީގެ އިތުރުން ފްރާންސްގެ ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރުކަމުގައި ލިއޮނާޑޯ އަރައުހޯ ހުރި އިރު ޕީއެސްޖީން ވެސް ޕޮގްބާ ހޯދަން މަސައްކަތް ކުރި އެވެ. ނަމަވެސް ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އާކުރަން އެއްބަސްވުމަކަށް ނާދެވުނު ޕޮގްބާ އިހްތިޔާރުކުރީ އެނބުރި އިޓަލީއަށް ދާށެވެ. ޔުނައިޓެޑުން ވެސް ވަނީ މިމަހުގެ އެއްވަނަ ދުވަހު، ޕޮގްބާ އަންނަ ސީޒަނުގައި ޔުނައިޓެޑުން ނުފެންނާނެ ކަމަށް ބުނެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ އެކު މިސީޒަނުގައި ކުޅުނު މެޗަކަށް ފަހު ޕޮގްބާ، މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅުނު 27 މެޗުގައި ޖެހުނީ އެންމެ ލަނޑެއް، އެއީ ލީގުގައި ބާންލީ ކޮޅަށް ޖެހި ލަނޑެކެވެ.

މެންވެސްޓާ ޔުނައިޓެޑުގެ އެކަޑަމީން ތަމްރީނުވެގެން ސީނިއާ ކެރިއަރު ފަށައި، ކޮންޓްރެކްޓް ހަމަވެގެން ޕޮގްބާ ދޫކޮށްލުމުން ހިލޭ ޓްރާންސްފާގައި ފުރަތަމަ ޔުވެންޓަސްއާ ގުޅުނީ 2012 ގަ އެވެ. އިޓަލީގައި ހަތަރު ސީޒަނަށް ފަހު 2016 ވަނަ އަހަރު އޭނާ ޔުނައިޓެޑަށް ވިއްކާލީ 105 މިލިއަން ޔޫރޯއަށެވެ. އަދި 10 އަހަރު ފަހުން އަނެއްކާ ވެސް ޔުވެންޓަސް މިވަނީ ޓްރާންސްފާ ފީއަކާ ނުލައި އަލުން ޕޮގްބާ ހޯދައިފަ އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!