އެކަނިވެރި މައިން، ހިތްވަރު ގަދަކަމުގެ އިންތިހާ!
ދެންމެ | 05 ސެޕްޓެމްބަރ 2024

ރަށްޓެއްސަކު ދިމާވެގެން ދެމީހުންގެ މެދުގައި ދެކެވުނު ވާހަކައިގައި އަހަރެންގެ ރަހުމަތްތެރިޔާ ސުވާލެއް ކޮށްލިއެވެ. ތިބާގެ އިންސްޕިރޭޝަނަކީ ކާކު ހެއްޔެވެ. އަހަރެން ކުޑަކޮށް ވިސްނާލާފައި ޖަވާބެއް ދިނީމެވެ. އެމީހަކީ އަހަރެންގެ ރަހުމަތްތެރި އާއިޝާކަމުގައި ބުނީމެވެ. އަހަރެންގެ ރަހުމަތްތެރިޔާ އިތުރަށް ސުވާލުކޮށްލިއެވެ. އެކަމަކު ތިބާ ތީ އެވެނި މިވެނި ތަނަކުން މޮޅަށް ކިޔަވައިގެން ހުރި އިސް މަގާމެއްގައި ވަޒީފާ އަދާކުރާ މީހަކަށްވާއިރު ތިބާގެ އިންޕިރޭޝަނަކީ އާއިޝާކަމުގައި ވީ ކީއްވެހެއްޔެވެ.

އަހަރެން ފުން ނޭވާއެއްލާފައި ވާހަކަ ފަށައިގަތީމެވެ. އެވަގުތު އާއިޝާގެ ދިރިއުޅުން ލޯމަތިން ސިފަވެގެން ދިޔައެވެ. ގައިން ހީބިހިވެސް ނަގައިގެން ދިޔައެވެ.

އާއިޝާއާއި އަހަރެންނަކީ ކުޑައިރުގެ ދެ ރަހުމަތްތެރިންނެވެ. ދެމީހުން އެކުގައި ކިޔަވައި ނިމި ވަޒީފާއެއްގައި އުޅޭތާ ގާތްގަނޑަކަށް އަހަރެއް ދުވަސް ތެރޭގައި އާއިޝާ މީހަކާ އިނެވެ. އާއިޝާ މީހާކާ އިނދެ ދިރިއުޅުމެއް ފެށިފަހުން ގާތްގަނޑަކަށް 3 އަހަރު ފާއިތުވި އިރު އެއީ ލޯބި ލޯބި 2 ކުދިންގެ މަންމައެކެވެ. މި މުއްދަތުގައި އަހަރެން ހުރީ ރާއްޖެއިން ބޭރުގައި ކިޔަވާށެވެ. އެހެންކަމުން އަހަރެންނަށް އާއިޝާގެ ހާލު ކޮންމެ ދުވަހަކު ނުބެލެއެވެ. ވާހަކަ ދައްކާލެވޭ ކޮންމެ ފަހަރަކުވެސް ބުނަމުން އައީ އުޅެނީ ހަމަޖެހިގެން އުފަލުގައިކަމެވެ. އެހެންނަމަވެސް އެއީ ހަޤީގަތެއް ނޫންކަން އަހަރެންނަނަށް އެނގުނީ ކިޔަވާ ނިމިގެން އައިސް އައިޝާއާ ބައްދަލުވި ހިސާބުންނެވެ. ހަގީގަތަކީ އައިޝާގެ ހަޔާތުގެ ބައިވެރިޔަކަށްވީ އިންތިހާއަށް ޖާހިލު އަދި އަނިޔާކުރާ ފިރިހެނެއްކަމުން ކައިވެންޏަށް 5 އަހަރުގައި އޭނާކައިރިން ފިލައިގެން ނިކުމެގެން ދިޔައީއެވެ.

އަހަރެން އެނބުރި އައިސް ފިލައިގެން ދިޔަ ސަބަބު އަހައިލީމައި އާއިޝާގެ ދިން ޖަވާބަކީ ވަރަށް ކުރު ސާފު ސީދާ ޖަވާބެއެވެ. އެ ޖަވާބަކީ އަހަރެންގެ ދަރިންގެ ހައްޤުގައެވެ.

ދެން އަހަރެންގެ ލޯ ކުރިމަތިން މިއަދު ފެނިގެންދަނީ މަޔަކު އެކަނިމާއެކަނި އިންތިހާއަށް ހުލްގު ހެޔޮ މޮޅު 2 ދަރިން ބަލައި ބޮޑުކުރަމުން ގެންދާ މަންޒަރެވެ.

މިއަދު އާއިޝާގެ ހަޔާތުގެ ހުރިހާކަމެއް ޤުރުބާންކުރަނީ އެ ދަރިންގެ ހައްޤުގައެވެ. ޤުރުއާން ކްލާހުން ފެށިގެން ސްކޫލުގެ ކިޔެވުމުގެ ކަންކަމާއި ، ކޮންމެ ދުވަހެއްގެ އޮންނަ ސްކޫލްގެ އިތުރު ހަރަކާތްތަކަށް ދަރިން ގެންދަމުން ދިޔައީ މިނިޓެއް ގަޑި ނުޖެހިއެވެ. ކުދިންނަށް ކާން ބޯން ބަރާބަރު ގަޑިޔަށް ތައްޔާރުކޮށްފައި ހުރެއެވެ. މި ފުރަ މާލޭގެ ބޮޑު ކުލިދައްކައިގެން އުޅެމުން އަންނަނީ އަމިއްލަ އަށް ކުރާ މަސައްކަތުންނެވެ. ދެން ދައުލަތުން އެކަނިވެރި މައިންނަށް ދޭ ފައިސާގެ އެހީތެރިކަމަކާއެކުގައެވެ. އޭނާއަކީ ހަލާލު ނޫން އެއެވެސް ގޮތަކުން ރުފިޔާއެއް ހޯދާ މީހެއް ނޫނެވެ. މި ހުރިހާ ކަމެއް އާއިޝާ ކުރަމުން ގެންދަނީ އާއިޝާގެ މިވަގުތު ބަލި އެނދުގައި އޮންނަންޖެހިފައިވާ މަންމައަށްވެސް ކުރަންޖެހޭ ހުރިހާކަމެއް އެކަނިމާ އެކަނި ކުރަމުންނެވެ.

އޭނާގެ ހަޔާތުގެ ކޮންމެ ދުވަހަކީ އިމްތިހާނެކެވެ. އެހެނަސް ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. އޭނާގެ އަޒުމް ވަރުގަދައެވެ. ހިތްވަރު އެލުވާލައި ކަމެއް ނުވާނެ ކަމެއް ބުނި އެންމެ ފަހަރެއްވެސް އަހަރެންނާ ދިމާނުވެއެވެ. ހޭލަނީ ފަތިހުގެ މުނާޖާ ކޮނޑުއަޅައިގެންނެވެ. ދުވަސް ފެށެނީ ކުދިން ސްކޫލަށް ލާ ހިސާބުންނެވެ. އެ ދޭތޭރޭގައި ލިބޭ ހުސް ވަގުތަކީ އާމްދަނީ ހޯދަން ގޭގައި އެކިކަހަލަ ހެދިކާ ހަދާ ވަގުތެވެ. ކުދިން ސްކޫލުން ނިމެންވާއިރަށް އެކަން ނިންމައި ބަރާބަރަށް ސްކޫލު ދޮށަށް ދެއެވެ. ދެންވެސް އޭނާގެ މުޅި ދުވަސް ހޭދަކުރަނީ ދަރިންގެ އެކި ކަންކަމުގައި އެއްތަނުން އަނެއްތަނަށް ކުދިން ލާ ހޯދުމުގައި އާއި މަންމަގެ ކަންކަމުގައެވެ. އޭނާއަކީ ރަށްޓެހިންނާ އެކު ކޮފީތަކުގައި ވަގުތު ހޭދަކޮށްލަން ލިބޭ މީހެއް ނޫނެވެ. އެހެނަސް ދުވަހަކުވެސް ޝަކުވާއެއް ނުކުރެވެ. އޭނާގެ އުންމީދު ގުޅިފައިވަނީ އެކަނިމާ އެކަނި ބަލައި ބޮޑުކުރަމުން އަންނަ 2 ދަރިންނާއެވެ. އެ ދަރިންނަކީ މުޖުތަމަޢުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ބޮޑު ކުރުމެވެ. އަހަރެން އޭނާ އާ ދިމާވާ ކޮންމެ ދުވަހު ހިތާހިތާ ބުނެލެވެއެވެ. މާތް ﷲ މި އަޅާގެ ރަހުމަތްތެރިޔާގެ ކުރާ މި މަސައްކަތުގައި ބަރަކާތް ލައްވާނދޭވެ. އަދި އޭނާގެ އުއްމީދުތައް ހަޤީގަތަށްވުން އެދި ދުޢާ ކުރެވެއެވެ.

އެކަނިވެރި މައިންގެ ދިރުއުޅުމަކީ ހިތްވަރުގަދަ ކަމުގެ އިންތިހާއެވެ. އަހަރެން ލޯމަތިން ފެންނަ މިފަދަ ފަރާތްތަކަކީ އަހަރުމެންގެ އިންސްޕިރޭޝަނެވެ. ދުނިޔޭގެ ދިމާވަ ދަތިތަކަށް ކެތްތެރިވެ ހަމްދުކުރުމަށް ލޯމަތިން ކޮންމެ ދުވަހުކު ފެންނަން ތިބި ލާމަސީލު ނަމޫނާތަކެވެ.

އަހަރެންގެ މި ލިޔުމަކީ އެއްވެސް ހާލެއްގައި އެކަނިމާއެކަނި ދިރިއުޅުމާއި ދަރިންގެ ކަންކަން ހަމަޖައްސަން ކަށިން ހިތްވަރުނެރެ މަޔަކު ކުރާ ކަންކަމަކީ އެމަޔަކަށް އެކަނި ކުރުން ލާޒިމްކަމަކަށް ދެކިގެން ލިޔާ ލިޔުމެއް ނޫނެވެ. ދަރިން ދުނިޔެއަށް އަންނަނީ މަޔަކާ ބަފައެއް މެދުވެރިވެއެވެ. އެއްވެސް ހާލެއްގައި ދަރިންގެ ކަންކަމުގައި މުޅި އުމުރު ޤުރުބާންކުރަންޖެހެނީ މައިމީހާ އެކަންޏެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!