ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ރޭ ހުޅުމާލޭގައި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއް ޖެހިގެން ނެވެ.
އެ ހާދިސާގައި ނިޔާވީ ލ.އިސްދޫ އަށް ނިސްބަތްވާ ކަރެކްޝަންސްގެ އޮފިސަރު ހަސަން ސަމާހު(23އ.) އެވެ.
ރޭސް ކާރަކުން ޖެހި ރޭ ޒުވާނަކު ނިޔާވއިރު، މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވެސް ހުޅުމާލޭގައި އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި މީހެއްގެ ފުރާނަ ނުގެއްލުނީ ހަމަ ކިރިޔާ އެވެ.
ރޭގެ އެކްސިޑެންޓާ ގުޅިގެން ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ ސަމާހު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރުހޫމްގެ ޢާއިލާގެ އެންމެ ބޭފުޅުންނަށް ކެތްތެރިކަންދެއްވާ ސަވާބުއިތުރުކުރައްވާ، މަރުހޫމްއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވާ މީހުން އިތުރުވެ، އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުންދާކަމީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ.
”ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލަމެވެ“ ޝާހިދު ވިދާޅުވި އެވެ.