ވައުދުތައް ނުފުއްދުނަސް އަޅުގަނޑާއި އެއްވަރަށް އެކަކަށް ވެސް ވައުދެއް ނުވެވޭނެ: ރައީސް އިބުރޭ
ދެންމެ | 15 އޯގަސްޓް 2023

ރައީސް އިބްރާހިމް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ނ. ވެލިދޫއަށް ވަޑައިގެން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބްރާހިމް ވިދާޅުވީ ޒުވާނުން ބަލައިގަންނާނެ ފަދަ ރަނގަޅު މަސައްކަތެއް އެމްޑީޕީގެ ސަރުކާރަށް ކުރެވިފައިވާކަމަށާއި ނަމަވެސް އަދިވެސް ކުރަން ހުރި ބައިވަރު ކަންތައްތައް އެބަ ހުރިކަމަށެވެ.

އެގޮތުން ޒުވާނުންގެ އާ ޖީލަށް އެމްޑީޕީން ކަނޑައަޅާފައިވާ ސިޔާސަތުތައް ރައީސް އިބްރާހިމް ވަނީ ފާހަގަކުރައްވާފައެވެ.

ޒުޥާނުންނަށް ކަނޑައެޅި 8 ސިޔާސަތު:

  • – އެމްޕަވާޑް ޒުވާނުން
  • – ޒުވާނުންގެ ބޯހިޔާވަހިކަން
  • – ޒުވާނުންނަށް ހެލްތް އެންޑް ވެލް ބީންގ
  • – ޒުވާނުންނާއި ޓެކްނޮލިޖީ
  • – ސްކިލްޑް ޒުވާނުން
  • – ޒުވާން އެންޓަޕްރޮނިއާ
  • – ޒުވާނުންގެ ބޭނުންތެރި ހުސް ވަގުތު ހޭދަކުރާނެ ގޮތް
  • – އެއްވެސް ޒުވާނަކު ބާކީ ނުކުރުން
މި ސިޔާސަތުތައް ހާމަކުރައްވާ ރައީސް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދޭއިރު އެމްޑީޕީގެ ސިޔާސަތުތަކާއި އެހެން ކެންޑިޑޭޓުންގެ ސިޔާސަތުތައް އަޅާ ކިޔާލާ މިނެ ކިރާލަން ޖެހޭނެކަމަށާއި ގޮތެއް ނިންމަވަން ވާނީ އެއަށްފަހުގައިކަމަށެވެ.

ރައީސް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިދޭޓަކަށް އެމްޑީޕީގެ ސިޔާސަތުތަކާ ވާދަކޮށްލެވޭވަރުގެ ސިޔާސަތުތަކެއް ހުށަނޭޅުއްވޭނެކަމަށެވެ.

”އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ މި ސިޔާސަތުތަކާއި ހަމަހަމަކުރެވޭ ވަރުގެ ސިޔާސަތެއް އަޅުގަނޑުމެންނާ އެކީގައި މިއަދު ވާދަކުރަން ނިކުމެ ތިއްބެވި އެއްވެސް ބޭފުޅަކަށް ހުށަހެޅިގެން ނުދާނެ، ހުށައެއް ނޭޅުއްވޭނެ“ ރައީސް އިބްރާހިމް ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ ރައީސް އިބްރާހިމް ވަނީ ރިޔާސީ އިންތޮހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް މަލާމާތް ރައްދުކުރައްވާފައެވެ.

”ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ވިސްނުން ހުރި ގޮތް، އެއް ބޭފުޅަކު ނިކުމެ ވަޑައިގެން ހުންނެވީ އައްޑަނައާ ހަތިޔާރު ކަނޑި ބަޑި ހިއްޕަވައިގެން، އަނެއް ބޭފުޅަކީ ހެނދުނު ތެދުވާގޮތަށް އެއް ސިޔާސަތެއް ހާމަކުރެއްވުމަށްފަހު މެންދުރު އަނެއް ގޮތަށް ބަދަލުވާނެ ރޭގަނޑު އެހެން ވާހަކައެއް ދައްކަވާނީ، އަނެއް ބޭފުޅަކީ. އަޅުގަނޑު އޭގެ ތަފްސީލަކަށް މިރެއަކު ނުދާނަން“ ރައީސް އިބްރާހިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!