ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގައި ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް (29އ) ކަމަށެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ދުވަސް މަތިން އެކި ފަހަރު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. އެގޮތުން، އދ. މަހިބަދޫ / ބަހާރުގެ، ޒުބައިރު ޢަލީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއިވެެ. އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ ތިން ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ކ. ކާށިދޫ / ސިލިންކޯ، އިސްމާޢީލް ރަބީޙް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އަދި ސެޕްޓެންބަރު 5 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމާ އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، އަމަލުތައް އިސްލާހުކޮށް ވިސްނުންތެރިކަމާއެކު ޒިންމާދާރު މީހަކަށްވުމަށް ފުލުހުން އިލްތިމާސް ކުރައްވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.